އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ފަށައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ކުރިޔަށް ދަނީ ސޯލްޓް ކެފޭގައެވެ. މި ބައްދަލުވުމުގައި ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ ވަޒީރުންނާއި ދާއިރާތަކުގެ ރައީސުން އަންނަނީ ބައިވެރިވަމުންނެވެ.

އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި ރައީސް މި ބައިވެރިވެވަޑައިގަތީ ގާތްގަނޑަކަށް ދެ އަހަރަށްވުރެ ގިނަ ދުވަހަށް ފަހުއެވެ.

އެންމެ ފަހުން، ރައީސް ސާލިހު ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 14ގައި ބޭއްވި ބައްދަލުވުމެއްގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް 2 އަހަރާއި 6 މަހާއި 28 ދުވަސް ފާއިތުވީއެވެ.

އެފަހަރު ގައުމީ މަޖިލީހުގައި ރައީސް ބައިވެރިވެވަޑައިގެންނެވީ ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައެވެ.

މި ޖަލްސާގެ މާބޮޑު ތަފްސީލެއް އަދި ނޭނގެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިޔަށް ދާނެ ގޮތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ޖަލްސާއެކެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށް މިދަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީން އުއްމީދުކުރި ވަރުގެ ނަތީޖާއެއް އެޕާޓީއަށް ނުލިބި ގިނަ ބައެއްގެ ފާޑުކިޔުންތައް އެޕާޓީ އަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިންތިހާބުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ލިބިފައެއް ނުވެއެވެ. އެހެންކަމުން މިމަހުގެ 30ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާނެއެވެ.

އެންމެ ގާތުގައި ވާދަކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އިންތިހާބުގައި ބެހެއްޓި 574 ވޯޓު ފޮށި ގުނާ ނިމުނުއިރު މުއިއްޒަށް 101،128 ވޯޓު ލިބިވަޑައިގަތެވެ. އެއީ 46.01 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަތީ 85،989 ވޯޓެވެ. އެއީ 39.12 ވޯޓެވެ.

މި ނަތީޖާއަކީ އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނޫން ކަމަަށް ރައީސް ސޯލިހުވެސް އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.