ކުރިޔަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އަރާ ހަމަ ކުރާކަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ލާހިކެއް ނޫން ކަމަށާއި ދެވަނަ ބުރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގެންދަވާނީ 60 ޕަސެންޓު ވޯޓުން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއާ ގުޅިގެން އެމަނިކުފާނަށް ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު އަދާ ކުރުމަށް އާޓްފިޝަލް ބީޗުގައި މިރޭ ބޭއްވި "ޝުކުރިއްޔާ ދިވެހީން" ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ ޖެއްސެވި ހިސާބު ދިމާވެއްޖެ ކަމަށް ވިދާޅުވެފައެވެ.
އަދުރޭ ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް 40 ޕަސެންޓު ވޯޓުވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.
"މިފަހަރު ހިސާބު ދިމާވެއްޖެ ދެއްތޯ. ހިސާބު ދިމާވެއްޖެ. އަޅުގަނޑު މި ދަންނަވަނީ އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު މި އިންތިހާބު ކާމިޔާބު ކުރާނީ އިރާދަކުރެއްވިއްޔާ 60 އިންސައްތަ ހޯދައިގެން،"
"އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީ އަށް ލާހިކެއް ނޫން އަޅުގަނޑުމެންނާއި އަރާ ހަމަ ކުރާކަށް. ފައްޔާޒު އިސްމާއީލްގެ ހިސާބަކަށް ނޫން މި ހިސާބު ވާނީކީއެއް،" އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ 56 ޕަސެންޓުގެ ވޯޓުން ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި ވާހަކައަށް ފާޑު ވިދާޅުވެ އަދުރޭ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ލިބިފައެއް ނުވެއެވެ. އެހެންކަމުން މިމަހުގެ 30ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާނެއެވެ.
އެންމެ ގާތުގައި ވާދަކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އިންތިހާބުގައި ބެހެއްޓި 574 ވޯޓު ފޮށި ގުނާ ނިމުނުއިރު މުއިއްޒަށް 101،128 ވޯޓު ލިބިވަޑައިގަތެވެ. އެއީ 46.01 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަތީ 85،989 ވޯޓެވެ. އެއީ 39.12 ވޯޓެވެ.