ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މަރިޔަމް އުނޫޝާ ވެސް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ސޮއިކޮށްފިއެވެ.

އުނޫޝާ އެމްޑީޕީ އަށް ސޮއިކުރި ފޯމާއި ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އުނޫޝާ އެމްޑީޕީ އަށް ސޮއިކުރިއިރު ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން (ކައިޒީން) ވެސް ދާދިފަހުން ވަނީ އެމްޑީޕީ އަށް ސޮއިކޮށްފައެވެ.

އުނޫޝާ އެމްޑީޕީއާ ގުޅިފައިވާއިރު އެމްޑީޕީ ހިމެނޭހެން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުންނަމަ އަމާޒު ހިފާފައިވަނީ މުޅި ޖުމްލަ 90،000 މެމްބަރުން އިތުރުކުރުމަށެވެ.

ރާއްޖޭގެ ވެރިކަމަށް އަދިވެސް އެންމެ ރަނގަޅީ އެމްޑީޕީ ކަމަށް ރައީސް ސޯލިހު ވަނީ މިއަދު ވިދާޅުވެފައެވެ.

މި އިންތިހާބުގައި އެމްޑީޕީން ގެންގުޅޭ ސްލޯގަން އަކީ " އުފާވެރި އަމާން ރާއްޖެ" އެވެ. އެ ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ހުރިހާ ކަމެއް ވަނީ މިހާރު އާއްމުކޮށްފައެވެ. އެއީ އުފާވެރި ދިރިއުޅުން، އާ ޒުވާނުން ޖީލު، އަމާން މުޖުތަމައު އަދި ހެޔޮވެރިކަމުގެ އިތުރުން އިގްތިސާދު ބޮޑު ބަދަލު ހިމެނެއެވެ.

ވާދަވެރި މި އިންތިހާބު އެމްޑީޕީއާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ސޯލިހު ގެންދަވަނީ ކެމްޕޭނު ޖަލްސާތަކުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ މި ފަސް އަހަރަކީ ރާއްޖެއަށް މިއިން ދުވަހަކުވެސް ނުދެކޭވަރުގެ ތަރައްގީއެއް ގެނެސްދެވުނު ފަސް އަހަރެވެ.

އެހެން ބަޔަކާއި ވެރިކަން ހަވާލުކޮށްފިނަމަ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓިގެން ހިނގައިދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ޕީޕީއެމް/ޕީއެންސީއާ ވެރިކަން ހަވާލުކޮށްފިނަމަ ރާއްޖެ އަލުން އަނބުރާ އަނިޔާވެރިކަމުގެ ތެރެއަށް ހިނގައިދާނެ ކަމަށް ވެސް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.