މާދަމާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ނިންމުމުގެ ގިނަ ހަރަކާތްތަކެއް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަކީ 2008ވަނަ އަހަރަށްފަހު އެންމެ ގިނަ ރިޔާސީ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ އިންތިހާބެވެ. އެގޮތުން މި އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރެއެވެ. މީގެތެރޭގައި މިނިވަން ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުން ހިމެނެއެވެ.
މާދަމާ ހެނދުނު ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވާއިރު މިއަދަކީ ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް ލިބޭނެ އެންމެ ފަހު ދުވަހެވެ. ކެމްޕެއިން ކުރެވޭނީ މިއަދުގެ ހަވީރު 18:00އާ ހަމައަށެވެ. އޭގެފަހުން ކެމްޕެއިން ކުރުމަކީ މަނާ ކަމެކެވެ.
ކެމްޕެއިން ނިންމާލުމުގެ ގޮތުން އެމްޑީޕީން އުސްފަސްގަނޑުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. އާޓްފިޝަލް ބީޗު ސަރަހައްދުން ޕީޕީއެމްގެ ކެމްޕެއިން ނިންމާލުމުގެ ހިނގާލުން ފެށޭނެ ކަމަށް އެޕާޓީން ބުނެއެވެ. ހަމައެއާއެކު ހަވީރު 16:00ގައި ޖޭޕީގެ ހިނގާލުން ވެސް ފެށޭނެ ކަމަށްވެއެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު:
1. އުމަރު ނަސީރު (އަމިއްލަ ގޮތުން)
2. ހަސަން ޒަމީލް (އަމިއްލަ ގޮތުން)
3. އިބްރާހިމް މުހައްމަދު ސާލިހު (އެމްޑީޕީ)
4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
5. ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
6. ފާރިސް މައުމޫން (އަމިއްލަ ގޮތުން)
7. އިލްޔާސް ލަބީބު (ޑިމޮކްރެޓްސް)
8. މުހައްމަދު ނާޒިމް (އެމްއެންޕީ)
މި ފަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބޭއިރު 27،000 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މިފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުން ކަމަށް އީސީން ބުނެފައިވެއެވެ.
އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާއިރު އޭގެ ތެރެއިން 142 ފޮށި ބަހައްޓަނީ މާލެގައެވެ. ހުޅުމާލޭގައި 27 ވޯޓު ފޮށި، ވިލިމާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ. އަތޮޅު ތެރޭގައި ބަހައްޓަނީ 319 ވޯޓު ފޮއްޓެވެ. ރިސޯޓު ތަކުގައި 65 ވޯޓު ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ސިނާއި ސަރަހައްދު ތަކުގައި އެއް ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި އަށްވޯޓު ފޮށި ބަހައްޓާނެއެވެ.
ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓަނީ އިންޑިއާގެ ޓްރިވަންޑްރަމް، އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ، އިނގިރޭސިވިލާތުގެ ލަންޑަން އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރްގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައެވެ.