ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކޮށް، އެ ނިންމުން ސީލްކޮށް، ތައްގަނޑު ޖަހާނީ އައްޑޫ ސިޓީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިން ނިންމާލުމަށް އައްޑޫ ސިޓީ، ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހޮނިހިރު ދުވަހަކީ "ރާއްޖޭގެ ރިޔާސަތު ގަރާރުވުމުގައި، އައްޑޫ އަސްލަމް ޝާމިލުވާ އައްޑޫ ސިޓީގެ ތާރީހީ ބޮޑު ދުވަސް" ކަމަށެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އައްޑޫ ސިޓީން މުހިއްމު ދައުރެއް އަދާކުރިކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ "އައްޑޫ ސިޓީން ކުރި ދިގު ދަތުރު މި ނިމެނީ އުފާވެރި އަމާން ރާއްޖެއަކަށް" ކަމާށެވެ.
"އަޅުގަނޑު މި އަންނަނީ ހއ. ތުރާކުނުން ފެށިގެން، ފަހަރަކު ރަށަކަށް، ފަހަރަކު ރަށަކަށް އަރަމުން މިއަދު މި ހުރީ އައްޑޫ ސިޓީގައި. ހަމަ ހަގީގަތުގައި ވެސް މިކަން އެއްބުރުން ނިމިއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އައްޑޫ ވައުދުތައް:
- ސިޓީގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހެދުން
- 1000 ފްލެޓް އެޅުން
- ގޯތީގައި އިމާރާތްކުރަން ފައިސާ ދޭނަން
- ޓޫރިޒަމް ޒޯންތަކުގައި އަސާސީ ހިދުމަތް ފެށުން (ފެނާއި ނަރުދަމާ އަދި ކަރަންޓް)
- އައްޑޫގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމުކުރުން
- މާލެއާ އެއް އަގެއްގައި ހިލަ އާއި ހިލަވެލި އައްޑޫގައި ވިއްކުން
- ބިޒްނަސް އިންކިއުބޭޝަން ސެންޓަރަކާއި ކޯ ވޯކިން ސްޕޭސްއަކާއި ކޮންފަރެންސް ފެސިލިޓީއެއް ގާއިމުކުރުން
- ހިމާޔަތްކޮށްފައިވާ ތަންތަނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރުން
- ރޭސިން ޓްރެކެއް އައްޑޫ ސިޓީގައި ހެދުން
- އިންޑޯ ސްޕޯޓްސް ކޮންޕްލެކްސްއެއް
- ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅުކުރުން
- އައްޑޫގައި ޕިކްނިކް އައިލެންޑެއް ގާއިމުކުރުން
- މެރިން ސްޓަޑީސްއަށް ހާއްސަ މަރުކަަޒެއް
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މަރުކަޒެއް
- ސިޓީގައި ދަނާލެއް ގާއިމުކުރުން