މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް އެންތޮނީއަށް ކުރެވޭ ގެވެށި އަނިޔާ ދިނުމުގެ ތުހުއްމަތުގެ މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށް ޔުނައިޓެޑުން ބުނެފިއެވެ.

ޔުނައިޓެޑުގެ ވިންގަށް ކުޅެމުން އަންނަ އެންތޮނީ، އޭނަގެ ކުރީގެ ލޯބިވެރިޔާއަށް ގެވެށި އަނިޔާދިން މައްސަލައެއް ބްރެޒިލްއާއި އިނގިރޭސި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ތަކުރާރުކޮށް އެންތޮނީ އޭނަގެ އޭރުގެ ލޯބިވެރިޔާ ގެބްރިއެއްލާ ކެވަލިންއަށް ގެވެށި އަނިޔާދިންކަމަށް ބުނެ އެ އަންހެން މީހާ ވަނީ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައެވެ.

ގެބްރިއެއްލާއަށް ލިބިފައިވާ ބައެއް އަނިޔާތަށް ކަމަށް ބުނެ ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެންތޮނީ ވަނީ އެ ތުހުއްމަތުތައް ދޮގޮކޮށްފައެވެ. އޭނާ ބުނީ އަނގަބަހުން ހޫން ބަހުގެ ހަމަލާތަކެއް ދެމެދުގައި ހިނގި ނަމަވެސް ގަޔަށް އަތްލައި އެއްވެސް ކަހަލަ އަނިޔާއެއް ދީފައި ނުވާނެ ކަމަށާއި، މައްސަލަ ތަހުގީގު ކުރުމުން އެކަން ވަރަށް ސާފުކޮށް އެނގިގެންދާނެ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށުމުން ބްރެޒިލުން ވަނީ މިފަހުން އެ ގައުމުން ކުރިއަށް އޮތް ވޯލްޑްކަޕް ކޮލިފައިންގް މެޗުތަކަށް ނަގާފައިވާ ސްކޮޑުން އެންތޮނީގެ ނަން އުނިކޮށްފައެވެ. އަދި އެކަން ޔުނައިޓެޑުގެ ސަމާލުކަމަށްވެސް އައިސްފައިވާއިރު، އިއްޔެ އެކުލަބުން ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރިފައެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނީ އެންތޮނީއަށް ކުރެވޭ ތުހުއްމަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އަދި އެކަމާ ބެހޭގޮތުން އެކަށީގެންވާ ވަރަށް މައުލޫމާތު ލިބެންދެން އެކަމުގައި ކުލަބުން އެއްވެސް ބަހެއް ނުބުނާނެ ކަމަށެވެ. އެއާއެކު އެންތޮނީ ކުލަބުން ސަސްޕެންޑް ކޮށްފާނެ ކަމެއް ނުވަތަ ނޫންކަމެއް އެކުލަބުގެ ފޭނުންނަށް ވަނީ ޔަގީންވާގޮތްނުވެފައެވެ.

އެންތޮނީއަށް ގެވެށި އަނިޔާގެ ތުހުއްމަތުތައް ކުރެވިފައިވާ އިރު، މިދިޔަ އަހަރު ޔުނައިޓެޑަށް ކުޅުނު މޭސަން ގްރީންވުޑަށް ވެސް ވަނީ އެފަދަ ސީރިއަސް ތުހުއްމަތުތަކެއްކޮށް، މައްސަލަ ބަލައި ފިޔަވަޅު އަޅަައިފައެވެ. އެކަމަކު މިއަހަރުގެ ތެރޭގައި ގްރީންވުޑާ ދެކޮޅަށް ކުރި ދައުވާތައް އަނބުރާ ކޯޓުން ގެންދިއުމާއެކު އޭނާ ވަނީ މިނިވަންވެފައެވެ. ގްރީންވުޑް ފުޓުބޯޅައިގައި ދުރުގައި ދޮޅު އަހަރެއްހާ ދުވަސް ހުރުމަށްފަހު މިފަހުން ވަނީ ސްޕެއިނުގެ ގެޓާފޭއަށް ލޯނު އެއްބަސްވުމެެއްގެ ދަށުން ގުޅިފައެވެ.