މަނީ ލޯންޑާކުރަން ބޭނުންވާ ނަމަ ރާއްޖޭގެ ބޭންކެއްގައި ހުރި އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާ ނުކުރާނެ ކަމަށް ކުރީގެ ރައީސް ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެ މައްސަލާގައި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވައިފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި ޔާމީން ވިދާޅުވީ ރާއްޖެއަކީ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ސިއްރު ކުރެވޭ ގައުމެއް ނޫން ކަމަށާއި އެހެންވެ، މަނީ ލޯންޑާ ކުރަން ބޭނުންވާ ނަމަ ރާއްޖޭގައި ބޭންކެއްގައި ހުރި އެކައުންޓަކަށް ފައިސާ ޖަމާ ނުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ފުލުހުން ތަހުގީގަކަށް ބޭނުންވެއްޖެނަމަ ލިބޭ. އެހެންވީމަ މަނީ ލޯންޑާކުރަން ބޭނުންވާ މީހަކު ހަގީގަތުގައި ދިވެހިރާއްޖޭގެ އެކައުންޓަކަށް، ބޭންކަށް ފައިސާއެއް ނުލާނެ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ މައްސަލާގައި ލިބިވަޑައިގަތް ފައިސާ އެޗްއެސްބީސީ ގެ އެކައުންޓެއްގައި ބެހެއްޓުމަށްފަހު އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޖަމާ ކުރުމަކީ ފައިސާ ލޯންޑާ ކުރުން ނޫން ކަމަށެވެ. އަދި މީހަކު އޭނާގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާ ކުރުމަކީ ފައިސާގެ އަސްލު އޮޅުވާލުން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ފައިސާ ވަން ގޮތަށް ބޭންކްގައި އެހެރީ. އެހެންވީމަ ކޮބައިތޯ ކޮންސީލް ކުރުމަކީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެ މައްސަލާގައި ޔޫސުފް ނައީމް އަތުން ޑޮލަރު ބައްލަވައިގަތުމަށް ދިވެހި ރުފިޔާ ހޯއްދެވި ގޮތާ ބެހޭގޮތުން މިހާރު ދައުލަތުން ސުވާލު އުފެދިޔަސް، ތަހުގީގު މަރުހަލާ އާއި ދަށު ކޯޓުގައި އެ ސުވާލު އުފައްދާފައެއް ނުވެ އެވެ.
ދައުލަތުން ބުނީ ޔާމީންގެ ބޭނުންކުރާ އެކައުންޓްތައް ހުއްޓާ އެ ފައިސާ ޖަމާކުރީ ބޭނުން ނުކޮށް ހުރި އެކައުންޓެއް އެކްޓިވް ކުރުމަށްފަހު އެ އެކައުންޓަށް ކަމަށެވެ. އަދި އެއަށްފަހު އެހެން އެކައުންޓްތަކަށް އެ ފައިސާ ފޮނުވާފައިވާ ކަމަށާއި އަދި އެ ފައިސާއާ ބެހޭގޮތުން ޔޫސުފް ނައީމާއި ޔާމީންގެ ފަރާތްޕުޅުން ބޭންކަށް ދެއްވި މައުލޫމާތު ދިމާނުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ތަހުގީގު މަރުހަލާގައި ވެސް ދެ ބޭފުޅުން ހަނު ހުންނެވީ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އެއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް ބުނި ނަމަވެސް އޭގެ ބަދަލުގައި ދިވެހި ރުފިޔާ ދިން ގޮތެއް އެނގޭނެ ހެއްކެއް ނެތެވެ.
ދައުލަތުން ބުނީ ބޭނުން ނުކުރާ އެކައުންޓަކަށް ފައިސާ ޖަމާ ކުރުމާއި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމަކީ ވެސް އަސްލު އޮޅުވާލުން ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން އިތުރު ފައިސާއާ އެކު އެހެން އެކައުންޓްތަކަށް ޖަމާކުރި ކަމަށާއި އެކަން ކާމިޔާބު ނުވުމަކީ މަނީ ލޯންޑްރިން ފުރިހަމަ ނުވާ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ހައި ކޯޓުން ފަހުން ބާއްވާނެ އެވެ.