ނުފޫޒު ފޯރުވައިގެން ސަރުކާރު އުޅެނީ ރިޔާސީ އިންތިހާބު ވަގަށް ނަގަން ކަމަށް ޕީޕީއެމް/ޕީއެންސީން ތުހުމަތުކޮށްފިއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ސަރުކާރުގެ އެކި އިދާރާތަކުގައި ހުރި އާންމުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި އިންތިހާބަށް އެމްޑީޕީން ޑާޓާބޭސްއެއް ހަދައިގެން ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުވެސް ތޮލާލް ކުރެއްވިއެވެ.

"މިފަދަ ކަންކަން މި ފެންވަރުގައި ކުރަމުން ގެންދާ ބަޔަކު މި އިންތިހާބު ވަގަށް ނަގަން ފަހެއް ނުޖެހޭނެ. ދިވެހި ރައްޔިތުން ސަމާލުވޭ، މި އިންތިހާބު ވަގަށް ނަގަން އެއްވެސް ފުރުސަތެއް ދެއްވައިގެން ނުވާނެ." ތޮލާލް ވިދާޅުވިއެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބޭއިރު 27،000 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މިފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުން ކަމަށް އީސީން ބުނެފައިވެއެވެ.

އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާއިރު އޭގެ ތެރެއިން 142 ފޮށި ބަހައްޓަނީ މާލެގައެވެ. ހުޅުމާލޭގައި 27 ވޯޓު ފޮށި، ވިލިމާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ. އަތޮޅު ތެރޭގައި ބަހައްޓަނީ 319 ވޯޓު ފޮއްޓެވެ. ރިސޯޓު ތަކުގައި 65 ވޯޓު ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ސިނާއި ސަރަހައްދު ތަކުގައި އެއް ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި އަށްވޯޓު ފޮށި ބަހައްޓާނެއެވެ.

ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓަނީ އިންޑިއާގެ ޓްރިވަންޑްރަމް، އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ، އިނގިރޭސިވިލާތުގެ ލަންޑަން އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރްގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައެވެ.