ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ރައީސް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ދިގު ޖަމާވިއެވެ. ދިގުކިޔުތަކުން ގަން އެއާޕޯޓް ސަރަހައްދު އެއްކޮށް ވަނީ މީހުންނާ އެކު ފުރާލާފައެވެ. ގާތްގަނޑަކަށް 300 އަށްވުރެވެސް ގިނަ ބަޔަކު ރައީސަށް މަރުހަބާ ކިޔަން ނިކުތެވެ.
އެމްޑީޕީން ކުރަމުންދާ ކެމްޕޭނު ނިންމާ ޖަލްސާ މާދަމާ އައްޑޫ ސިޓީގައި އޮންނާނެއެވެ.
ހިތަދޫގެ ސިޓީ ބާޒާރު ސަރަހައްދުގައެވެ. ހިތަދޫ ސިޓީ ބާޒާރު ސަރަހައްދުގައި ބާއްވާ ޖަލްސާ ފަށާނީ އެ ރޭ 8:15 ގައެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ އައްޑޫއިން 12،100 ވޯޓު ލިބިވަޑައިގެންފައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕިގެ ރިޔާސީ ކެންޑިޑޭޓް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ދަތުރުކުރައްވަމުން ގެންދަވަނީ ރ އަތޮޅުގެ ރަށްތަކަށެވެ. އެމްޑީޕީން ވަނީ ދާދީ ފަހުން މާލޭ ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ފޯރިގަދަ ޖަލްސާއެއް ބާއްވާފައެވެ.
މި އިންތިހާބުގައި އެމްޑީޕީން ގެންގުޅޭ ސްލޯގަން އަކީ " އުފާވެރި އަމާން ރާއްޖެ" އެވެ. އެ ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ހުރިހާ ކަމެއް ވަނީ މިހާރު އާއްމުކޮށްފައެވެ. އެއީ އުފާވެރި ދިރިއުޅުން، އާ ޒުވާނުން ޖީލު، އަމާން މުޖުތަމައު އަދި ހެޔޮވެރިކަމުގެ އިތުރުން އިގްތިސާދު ބޮޑު ބަދަލު ހިމެނެއެވެ.
ވާދަވެރި މި އިންތިހާބު އެމްޑީޕީއާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ސޯލިހު ގެންދަވަނީ ކެމްޕޭނު ޖަލްސާތަކުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ މި ފަސް އަހަރަކީ ރާއްޖެއަށް މިއިން ދުވަހަކުވެސް ނުދެކޭވަރުގެ ތަރައްގީއެއް ގެނެސްދެވުނު ފަސް އަހަރެވެ.
އެހެން ބަޔަކާއި ވެރިކަން ހަވާލުކޮށްފިނަމަ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓިގެން ހިނގައިދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ޕީޕީއެމް/ޕީއެންސީއާ ވެރިކަން ހަވާލުކޮށްފިނަމަ ރާއްޖެ އަލުން އަނބުރާ އަނިޔާވެރިކަމުގެ ތެރެއަށް ހިނގައިދާނެ ކަމަށް ވެސް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.