މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕުގެ ތަށި އާޖެންޓީނާއަށް ދިނީ ރާވައިގެން ކަމަށް ނެދަލޭންޑުގެ ކުރީގެ ކޯޗު ލުއިސް ވެންހާލް ތުހުއްމަތުކޮށްފިއެވެ.
ގަތަރުގައި ޑިސެމްބަަރު މަހު ބޭއްވި ވޯލްޑްކަޕް މުބާރާތުގެ ތަށި އާޖެންޓީނާއިން އުފުލާލީ ފައިނަލުގައި ކުރީގެ ޗެމްޕިއަން ފްރާންސް ބަލިކޮށްގެންނެވެ. އާޖެންޓީނާއިން 1986 ވަނަ އަހަރުގެ ވޯލްޑްކަޕް އުފުލާލި ފަހުން އެ ތަށި ނުލިބު 36 އަހަރު މަޑުކުރުމަށްފަހު އަލުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމާއެކު އެންމެ ބޮޑު ޝަރަފެއް ލިބުނު އެކަކީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. ބްރެޒިލްގައި 2014 ވަަނަ އަހަރު އޮތް ވޯލްޑްކަޕުގެ ފައިނަލުގައި ވެސް ކުޅުނު އާޖެންޓީނާއަށް އެފަހަރު ތަށި ގެއްލުނު އިރު، މިިދިޔަ މުބާރާތަކީ މެސީގެ ފަހު ވޯލްޑްކަޕެވެ.
މެސީ އެ ތަށި އުފުލާލުމާއެކު ފުޓުބޯޅައިގެ ގިނަބަޔަކު އޭނާއަށް ތައުރީފްކޮށް، އެންމެ މޮޅު ކުޅުންތެރިޔާގެ ބަހުސް ވަނީ ނިންމާލައިފައެވެ. އެހެން ނަމަވެސް މެސީއަށް ތަށި ލިބުމުން ބައެއް މީހުންނަށް އެކަން ހަޖަމުނުވެެގެން ވަނީ ވޯލްޑްކަޕަކީ ރާވައިގެން މެސީއަށް ތަށި ދޭންވެގެން ކުޅުނު މުބާރާތެއްކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކައިފައެވެ.
އެގޮތުން މިދިޔަ ވޯލްޑްކަޕުގައި ނެދަލޭންޑްސްގެ ކޯޗަކަށް ހުރި ވެންހާލް ވެސް މިފަހުން ވަނީ އެ ވާހަކަ އެގޮތަށް ދައްކައިފައެވެ. ވެންހާލް ބުނީ އެ މުބާރާތުގައި އާޖެންޓީނާއިން ޖެހި ގޯލުތަކަށް ބެލުމުން ވެސް އެކަން ފެންނާނެ ކަމަށާއި، އެ ޓީމުގެ ކުޅުންތެރިން މެޗުތަކުގައި ގަވާއިދާ ޙިލާފު ކަންކަން ކުރުމުން އަަދަބުވެސް ނުދޭ ކަމަށެވެ.
"އަހަރެން މިވާހަކަ މާ ގަދަޔަށް ދައްކާކަށް ބޭނުމެއް ނޫން. އެކަމަކު އާޖެންޓީނާއިން ޖެހި ގޯލުތަކާއި އަހަރަމެން [ނެދަލޭންޑުން] ޖެހި ގޯލުތަކަށް ބަލައި ނަމަ އެކަން އިނގޭނެ. އެ ޓީމުގެ ކުޅުންތެރިން ދަނޑުމަތީގައި އެތައް ކަމެއް ކުރުމުންވެސް އަދަބެއް ނުދޭ. އަހަރެން ބުނާނީ އެއީ ހަމަ ރާވައިގެން ކުރި ކަމެކޭ،" ނެދަލޭންޑުގެ ނޫހަކަށް ދިން އިންޓަވިއުއެއްްގައި ވެންހާލް ބުންޏެވެ.
މިދިޔަ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާއާއި ނެދަލޭންޑް ބައްދަލު ކުރި މެޗުގައި ޕެނަލްޓީގައި ކުރި ހޯދައިގެން އާޖެންޓީނާ މޮޅުވި އިރު، އެ މެޗަކީ އެ މުބާރާތުގެ އެންމެ ފޯރިގަދަވި އެއް މެޗެވެ. އާޖެންޓީނާއިން ދެ ގޯލު ޖަހާފައިވަނިކޮށް ނެދަލޭންޑުން ނަތީޖާ ހަމަހަމަ ކުރީ މެޗު ނިމިނިމި އިންދާއެވެ.
އެ މެޗުން ނެދަލޭންޑް ބަލިވެ މުބާރާތުން ކެޓުމާ ގުޅިގެން ވެންހާލް ވަނީ ކޯޗުކަމުން އިސްތިއުފާ ދިނުމަށްފަހު ކޯޗުކަމުން ރިޓަޔާކޮށްފައެވެ.