ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި ކުޅުދުއްފުށީ ސިޓީގެ ހިއްސާ ބޮޑުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުޅުދުއްފުއްޓަކީ އުތުރުގެ މައި ރަށް ކަމަށާއި ސަރުކާރު ހިންގުމުގައި އެ ސިޓީގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުކުރައްވާނެ ކަމަށެވެ.

"ދެން އުފައްދާ ސަރުކާރެއްގައި ކުޅުދުއްފުށީ ސިޓީގެ ހިއްސާބޮޑުކޮށް އޮންނާނެ. ފުރިހަމަ ބައިވެރިވުން ކުޅުދުއްފުށި ސިޓީގައި އޮންނާނެ" ކުޅުދުއްފުށިން މިއަދު އެމަނިކުފާނަށް ދެންނެވި މަރުހަބާ އަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވިއެވެ.

ކުޅުދުއްފުށި ހިމެނޭހެން، ކެމްޕޭނުގައި ބޮޑު ތިލަދުންމަތީގެ 40 ރަށަކަށް ވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އެ ރަށްތަކުގެ އާބާދީގައި 71،599 ރައްޔިތުން ދިރިއުޅޭއިރު ވޯޓުލާ މީހުންގެ އާބާދީއަކީ 45962 އެވެ. ރައީސް ވިދާޅުވީ ވަޑައިގެންނެވި ކޮންމެ ރަށަކުން ފެނުނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ މަންޒަރު ކަމަށެވެ.

ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ

"މިއަދު މި ރަށަށް އައުމުން ވިދާޅުވި މަރުހަބާއިން ކަށަވަރުވީ އެއް ބުރުން ނިންމަންކަން" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން ނަމަ އެ ރަށްތަކުން އެ މަންޒަރު ފެންނަނީ ތަރައްގީއަށްޓަކައި މި ފަސް އަހަރު ތެރޭގައި ކުރެވިފައި ހުރި މަސައްކަތުންނެވެ.

އެއީ މާޒީގައި ފެނުނު އަނިޔާވެރިކަމާއި، ބިރުވެރިކަމާއި ނާމަންކަމުގެ ތެރެއަށް ދާން ބޭނުންނުވާ ކަމުގެ ހެއްކެއް ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ އެ ތަރައްގީއާއިގެން ކުރިއަށް ދިޔުމަށް ކަމަށާއި އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށެވެ. ކުޅުދުއްފުއްޓަކީ ތާރީހަށް ބަލާއިރު ފުދުންތެރިން ރައްޔިތުން އުޅުނު ރަށެއް ކަމަށާއި ނަމަވެސް ކުރީގެ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކެއްގެ ސަބަބުން އެ ސަރަހައްދުގެ ހުރިހާ ރަށެއްގެ ދިރުން ހުއްޓުމަކަށް އައިސް އިގްތިސާދު މަޑުޖެހުނު ކަމަށް ވިދާޅުވިއެވެ.

"އިޖްތިމާއި އެތައް މައްސަލަތަކެއް ކުރިމަތިވި. ވަޒީފާއެއް ހޯދަން ވިޔަސް ދަރިއަކަށް ތައުލީމުދޭން ވިޔަސް ސިއްހީ ހިދުމަތެއް ހޯދަން ޖެހުނަސް ޖެހެނީ މާލެ ދާން. މިއީ ގަސްތުގައި ރާވާއިގެން ސަރުކާރުތަކުން ކޮށްފައި ހުރިކަންތައް" އެ ސަރުކާރުންތަކުން ބޭނުންވީ މުށުތެރޭގައި ރައްޔިތުން ބޭތިއްބުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އަނިޔާވެރިކަމުގެ ތެރޭގައިވެސް ކުޅުދުއްފުށި ރައްޔިތުން މަސައްކަތްކުރަމުން އައީ ހިތްވަރާއެކީގައި ލިބުނު ހަނި ފުރުސަތުތަކުގެ ބޭނުން ހިފަމުން ކަމަށް ވިދާޅުވިއެވެ. އިތުރަށް ހުޅުވިގެންދާ ފުރުސަތުތަކުގެ ފުރިހަމަ ބޭނުން ކުޅުދުއްފުށިން ރައްޔިތުން ހިފާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

"ބޮޑު ތިލަދުންމައްޗަށް އަޅުގަނޑުމެން މިގެންނަނީ ބޮޑު ބަދަލެއް. ބޮޑު ތިލަދުންމަތި ކަޅު އަނދިރީގެ ތެރޭގައި އޮތް ސަފުހާތައް މާޒިގެ ތެރެއަށް ދޫކޮށްލައިފިން، އަޅުގަނޑުމެން ބޭނުންވަނީ އަނެއްކާވެސް އުފާވެރި އަމާން ރާއްޖެ މި އަތޮޅަށްވެސް ސިޓީއަށްވެސް ހޯދައިދެން" ރައީސް ވިދާޅުވިއެވެ.