"ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން މި ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލާލަދޭނެ އިގްސާދީ ދުންކަރާސް. އޭގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މިދަނީ ސަރާސަރުވެ ފެތުރެމުން. ރާއްޖެ އެކުގައި ތަރައްގީނުވެ، ދިވެހިން ބޭނުންވާ މަންޒިލެއް ނުހިފޭނެ. ހަމަހަމަ، އުފާވެރި، ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ދިވެހިންނަކަށް ނުލިބޭނެ. ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްގީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ ހަމަ އައްޑޫ ސިޓީ" ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫއޫ ފައްޓަވައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިހެނެވެ.

އެ ދުވަހު ފެށުނު މަސައްކަތަށް މިއަދު މިވަނީ ނިމިފައެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ހިންގާ 34 މަޝްރޫއުގައި ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާއިރު ޕްލޭނިން މިނިސްޓްރީން ބުނީ އައްޑޫ ބިން ހިއްކުމުގެ ފޭސް ވަނީ ކާމިޔާބު ކަމާއެކު މިދިޔަ މަހުގައި ނިމިފައި ކަމަށެވެ.

އެގޮތުން، އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫ ފޭދޫގައި 76 ހެކްޓަރު އަދި ހިތަދޫގައި 80 ހެކްޓަރު ހިއްކާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އޭގެ އިތުރުން، ރިސޯޓް އައިލެންޑްގެ ގޮތުގައި ތަރައްގީކުރާ 3 ރަށަށް 25 ހެކްޓަރުގެ ބިން (ރަށަކަށް 8.3) އަދި ހަންކެޑެގައި 4.72 ހެކްޓަރުގެ ބިންވެސް ހިއްކާފައިވާ ކަމަށެވެ. މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަހައްދުތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުން ހަންކެޑެ ނިމޭއިރު، އެތަނާ ގުޅޭ ފުރިހަމަ ޕްލޭނާ އެއްގޮތަށް އައްޑޫ ސިޓީގެ އެހެން ރަށްތަކަށް، ޖުމްލަ 600 ޓޫރިސްޓް އެނދު އިތުރުވާނެއެވެ.

މީގެއިތުރަށް، އެސްޑީއެފްސީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލް އައްޑޫއަށް އަންނާނެ ކަމަށާއި އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް، އެ ތަންތަން ދިގު މުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅައި ނިންމައިދެވޭނެ ކަމަށްވެސް އެމަނިކުފަނު ވިދާޅުވެފައިވެއެވެ.

"އަދި އެއީ ދިގު މުއްދަތުން އަނބުރާ ދައްކާގޮތަށް ހިންގޭ މަޝްރޫޢެއް. މި ދެންނެވި ގޮތަށް ދޫކުރެވިފައިވާ 73 ބިމެއް އެބަވޭ. އޭގެތެރެއިން 44 ފަރާތަކުން 58 ބިމުގައި ގެސްޓްހައުސް އިމާރާތް ކުރުމަށް މިހާރުވަނީ އެދިފައި. މިއީ ޖުމްލަ 2870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫއެއް "އައްޑޫ ރައްޔިތުން ބޭނުންވަނީ އައްޑޫ އާބާދުވެ، އާރާސްތުވެ ކުރިއަރައިދިޔުން ކަމަށާއި އެ މަގުތައް "މިދަނީ ކޮށައި އަލިވެ އާރާސްތުވަމުން" ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.