އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފިނަމަ މީގެ ކުރިން ޕީޕީއެމް ސަރުކާރުގައި ކަންކުރިހެން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ ނޮޅިވަރަން ބަނދަރުގައި އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ދޭ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލާއި ގުޅިފައިވާ ވޯޓެއް ކަމަށެވެ. ރައްޔިތުން ނިންމާ ގޮތެއްގެ ސަބަބުން އެނބުރި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ރާއްޖެ ވެއްޓިދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
އަދި ހަމައެއާއި އެކު މި ސަރުކަރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ރާއްޖެ ތަރައްގީ ކުރުމަށް ހިންގާ މަސައްކަތްތައް މަޑުޖެހިދާނެ ކަމަށް ވިދާޅުވިއެވެ. އެހެންވެ ވިސްނުންތެރިކަމާއި އެކު ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތައް ލިބުނު ފައިސާ ޖަމާކުރީ އަމިއްލަ އެކައުންޓުތަކަށް ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އޭގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާ ކަމަށެވެ. ޕީޕީއެމް/ޕީއެންސީ ހޮވައިފިނަމަ އަނެއްކާވެސް އެކަންތައް އިޔާދަވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވިދާޅުވީ ދެން ދާނީ "އެ އަނދިރި ކަމުގެ ތެރެއަށް" ކަމަށެވެ.
"ދެން ހުރި ފަޅުތަކާއި ދެން ހުރި ރަށްތައް އަނެއްކާވެސް ވިއްކާ ހުސްކޮށްލާނެ. އަޅުގަނޑުމެންގެ ކުރިއަށް އޮތް މުސްތަގުބަލަށް، ޒުވާނުންނަށް މި ރާއްޖޭގައި އެންމެ ހަރު މުދަލެއްވެސް ނުހުރެދާނެ" އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުތިލަދުންމައްޗަށް ސަރުކާރުން ގެންނަ ބަދަލާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް އެ ސަރަހައްދަށް މިހާރަށްވުރެ އިގްތިސާދީ ބޮޑު ތަރައްގީ އެއް ގެނައުމަށް ޕްލޭނެއް ގެންގުޅުއްވާ ކަމަށެވެ. 1.5 މިލިއަން ފަތުރުވެރިންނަށް، އަހަރަކު ހިދުމަތްކުރެވޭ ގޮތަށް އެއާޕޯޓް ބޮޑުކުރުމުން ބޮޑު ތިލަދުންމަތީގެ ފަތުރުވެރިކަމަށް ހީނުކުރާހާ ވަރުގެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
"އެހެން ނަމަވެސް ބިރުވެރިކަމަކީ މި ދެންނެވިހެން މި އިންތިހާބުގައި ނިންމާ ނިންމުމުގެ ސަބަބުން އަޅުގަނޑުމެން ފަށާފައި މިހުރި މަސައްކަތްތަކަށް ހުއްޓުމެއް އަތުވެދާނެ. މުޅިން އެކަން ހުއްޓާލުމުގެ ވިސްނުން ގެންގުޅޭ ވާހަކަވެސް އަޑު އެބައިވޭ" ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ