އެމަނިކުފާނުގެ އެކައުންޓަށް ހިޔާނާތުގެ ފައިސާ އެއްވެސް އިރެއްގައި ޖަމާވެފައިނުވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީނަށާއ އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފާޑުކިޔައިފިއެވެ.

ހދ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ނޮޅިވަރަންފަރުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ނަމަވެސް ހެދޭ ކުޑަ "މިސްޓޭކް" އެއްގެ ސަބަބުންވެސް އެހެން ބައެއްގެ އަތްމައްޗަށް ވެރިކަން ފުރޮޅިގެން ހިނގައްޖެނަމަ ދެން ވެގެންދާނެ ގޮތަކާއި މެދު ވިސްނުމަށް އެދިވަޑައިގެން ރައީސް ވިދާޅުވީ އަނެއްކާވެސް ރާއްޖެ ކުރިމަތިލާން ޖެހޭނީ ބިރުވެރިކަމާއި ނާމާންކަމާއި ހަމަނުޖެހުމުގެ ތެރެއަށް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުންނަމަ މި ދައުރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މަޝްރޫއު ހިންގި ފަސް އަހަރެވެ. އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުގައި ރާއްޖޭގައި ހިންގަން ޖެހޭ މަޝްރުއުތައް ނުހިންގި ލަސްވީ ސަރުކާރުގެ ވެރިން ކަންކުރި ގޮތުން ކަމަށެވެ.

"އެހެން ނަމަވެސް ހަމަ ގައިމުވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެސް ފައިސާއެއް ވަދެފަކައެއް ނޯއްނާނެ. ކުރިއަކުންވެސް ނުވަދޭ. މިހާރަކުވެސް ނުވަންނާނެ. ދެނެއްވެސް އަޅުގަނޑުގެ އެކައުންޓަކަށް އެއްވެސް ކުންފުންޏަކުނ ފައިސާއެއް ޖަމައެއް ނުކުރާ... ފަށާ ކޮންމެ ޕްރޮޖެކްޓަކުން ވެރިންނަށް ބައި އަޅަން ޖެހޭތީ. ޕްރޮޖެކްޓްތަކުގެ އަގުބޮޑުވެގެން ދިޔައީ އެ މައްސަލާގައި" ކުރީގެ ސަރުކާރަށް ފާޑުކިޔަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުންނަމަ މި ސަރުކާރަށް އެތައް މަޝްރޫއުތަކެއް ފަށައި ކުރިއަށް ގެންދެވެނީ ހާމަކާމާއެކު ދެ ފުށް ފެންނަ ގޮތަށް އެކަން ކުރާތީ ކަމަށެވެ.