އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ތިން މެޗެއްގައި ކުޅުންތެރިން ހެޓްރިކް ފުރިހަމަކޮށްފިއެވެ.

ލީގުގެ މެޗުވީކް ހަތަރެއްގައި ރޭ ވަނީ ޖުމުލަ ހަތް މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ތިން މެޗެއް ނިމުނީ ކުޅުންތެރިޔަކު ހެޓްރިކް ފުރިހަމަކޮށްގެންނެވެ. މިއީ ޕްރިމިއާ ލީގުގައި އެއް ރޭގެ މަތިން ތިން ކުޅުންތެރިން ހެޓްރިކް ހެދި ތިންވަނަ ފަހަރެވެ.

މީގެ 28 އަހަރު ކުރިން ޕްރިމިއާ ލީގުގައި އެއް ރޭގެ މަތިން އެފަހަރު ހެޓްރިކް ފުރިހަމަ ކުރީ ލިވަޕޫލަށް ކުޅުން ރޮބީ ފައުލާ އާއި ނިއުކާސަލްގެ ލެޖެންޑް އެލަން ޝިއަރާ އަދި ލީޑްސް ޔުނައިޓެޑްގެ ޓޮނީ ޔެބޯހްއެވެ. އޭގެ 26 އަހަރު ފަހުން 2021 ވަނަ އަހަރު ލިވަޕޫލްގެ މުހައްމަދު ސަލާހްއާއި ޗެލްސީއަށް ކުޅުނު މޭސަން މައުންޓް އަދި ވަޓްފޯޑްގެ ޖޮޝުއާ ކިންގެއެވެ.

ތިން ވަނަ ފަހަރަށް މި ރެކޯޑާ އެއްވަރު ކޮށްފައިވަނީ ރޭ ކުޅުނު މެޗުތަކުގައި ހެޓްރިކް ހެދި މެންޗެސްޓާ ސިޓީގެ އާލިންގް ހާލަންޑާއި، ޓޮޓެންހަމްގެ ސޮން ހެންގް މިން އަދި ބްރައިޓަންގެ އެވަން ފާގަސަންއެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު އެއް ސީޒަނެއްގައި ޖަހައިގެން ރެކޯޑް ހެދި ހާލަންޑް ރޭ ހެޓްރިކް ހެދީ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުން ސިޓީ 1-5 ގެ ނަތީޖާއަކުން ކުރި ހޯދި އިރު، ސިޓީގެ ބާކީ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ޑިފެންޑަރު ނޭތަން އާކޭއާއި ޒުވާން ފޯވާޑް ޖޫލިއަން އަލްވާރޭޒްއެވެ. އެ މެޗުގައި ފުލަމްއިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ޓިމް ރީމްއެވެ.

ރޭގެ ހެޓްރިކާއެކު ހާލަންޑް މިހާތަނަށް ވަނީ ޕްރިމިއާ ލީގުގައި ފަސް ހެޓްރިކް ހަދައިފައެވެ. އެ ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދި ރެކޯޑް އޮތީ ސިޓީގެ ސާޖިއޯ އަގުއޭރޯ އަތުގައެވެ. އޭނާ ވަނީ ސިޓީގައި ގިނަ ދުވަސްތަކެއް ކުޅެ، 12 ހެޓްރިކް ޕްރިމިއާ ލީގުގައި ހަދައިފައެވެ.

ރޭގެ ދެވަނަ ހެޓްރިކް ސޮން ފުރިހަމަ ކުރީ ބާންލީއާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގައެވެ. އެ މެޗުން ޓޮޓެންހަމް 2-5 އިން މޮޅުވި އިރު، ބާކީ ދެ ގޯލަކީ ކްރިސްޓިއަން ރޮމެރޯއާއި ޖޭމްސް މެޑިސަން ކާމިޔާބު ކުރި ގޯލުތަކެވެ. އެ މެޗުގައި ބާންލީ ޖެހި ދެ ގޯލަކީ ލައިލް ފޮސްޓާއާއި ޖޯޝް ބްރައުންހިލް ކާމިޔާބުކުރި ދެ ގޯލެވެ. ރޭގެ ހެދި ހެޓްރިކާއެކު ސޮން ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި ހަތަރު ހެޓްރިކް ހަދައިފައެވެ.

ރޭގެ ތިންވަނަ ހެޓްރިކަކީ އުމުރުން 18 އަހަރުގެ އެވަން ފާގަސަން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ހެދި ހެޓްރިކެވެ. 3-1 އިން ބްރައިޓަން މޮޅުވި އެ މެޗުގައި ފާގަސަން ހިތްގައިމު ހެޓްރިކެއް ހެދި އިރު، އިދިކޮޅު ޓީމުން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ކެލަމް ވިލްސަންއެވެ.