ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށިގެން އެތައް ދުވަހެއް ވީއިރުވެސް އަމިއްލަ ގޮތުން މި އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން އުޅުއްވީ ފަހަތުގައެވެ. ކެމްޕެއިން ދަތުރުތަކާއި ޕޯސްޓަރުތަކާއި ޖަގަހަތައް ހުޅުވުމުގައި ވެސް އޭނާ އުޅުއްވީ އެހެން ކެންޑިޑޭޓުންނަށް ވުރެ ފަހަތުގައެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސް ރޭ ނިމިގެން ދިޔައިރު ގިނަ ބައެއްގެ ހިތްތައް ފާރިސް އަތުލައިފިއެވެ. ސޯޝަލް މީޑިއާގައި މުޅިންހެން އޮތީ ބަހުސްގައި ފާރިސް ދެއްކެވި ވާހަކަތަކަށް މީހުން ކުރި ތާއީދެވެ. ޕޯލްތަކުން ވެސް ދައްކަނީ ރޭގެ ބަހުސް ކާމިޔާބު ކުރެއްވީ ފާރިސް ކަމަށެވެ.
"އަހަންނަށް ގަބޫލެއް ވެސް ނުކުރެވޭ އަހަންނަށް މިހެން ބުނެވޭ ކަމެއް. އެކަމަކު މިރޭގެ ބަހުސް ކާމިޔާބު ކުރި ކަމަށް ފެންނަނީ ފާރިސް." އެކަކު ޓްވީޓް ކުރި އެވެ.
ހާއްސަކޮށް ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ނުކުރާ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ފާރިސްއަށް ތާއީދުކުރި އެވެ.
ބަހުސް ހިނގަމުންދިޔަ ވަގުތު ވެސް ފާރިސްއަށް ތާއީދުކޮށް މީހުން ކުރި ޓްވީޓްތައް ފާރިސްގެ ރަސްމީ އެކައުންޓުން ރީޓްވީޓްކޮށް އެއަށް ޖަވާބު ދެމުންދިޔަ އެވެ.
ފާރިސްގެ ސިޔާސަތުތައް ބައްޓަންކުރީ ދަރަންޏާއި ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމާއި އާމްދަނީ އިތުރު ކުރެވޭނެ ވަސީލަތްތައް އިތުރު ކުރުމަށެވެ. އަދި ބަދަލު ނުކުރެވޭނެ ފަދަ މާސްޓާ ޕްލޭނެއްގެ ދަށުން ގައުމު ހިންގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެ ހައްލުކުރެވެން އޮތީ އެންމެން އެއްބަސްވާ ސިޔާސަތެއް ކަނޑައެޅިގެން. ސިޔާސީ ވިސްނުން އެއްފަރާތްކޮށް, މުޅި ގައުމުގެ މިސްރާބު ފުރަތަމަ ކަނޑައެޅިގެން." ފާރިސް ވިދާޅުވި އެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ސިޔާސީ ބޭފުޅުން ޖަލަށްލުމާ ގުޅޭގޮތުން ސުވާލު ކުރުމުން ވެސް ފާރިސް ދެކެވަޑައިގަތީ ސިޔާސީ ބޭފުޅުންގެ މެދުގައި ހިނގާ ކަންކަމަށް ވުރެ ބޮޑަށް އިސްކަން ދޭން ޖެހޭނީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.
"މިއީ ކޮން ވާހަކައެއްތޯ މި ދައްކަނީ. ރިޔާސީ އިންތިހާބުގެ ޑިބޭޓް މިކުރަނީ. އަޅުގަނޑުމެން ދައްކަން ޖެހޭނީ ސިޔާސީ މީހުންގެ ވާހަކައެއް ނޫން. އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް މިއެއް ނޫން އެންމެ އިސްކަން ދޭންޖެހޭނެ ކަމަކީ. މިތާނގައި ވަގުތު ހޭދަކުރަން ޖެހޭނީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭ ވާހަކަ ދައްކަން." ފާރިސް ވިދާޅުވި އެވެ.
މަސައްކަތުގެ ދާއިރާގައި ދިވެހިން މަދުވާ މައްސަލާގައި ބައެއް ކެންޑިޑޭޓުން ދެއްކެވި ވާހަކަތަކާ ވެސް ފާރިސް ދެކޮޅެވެ. އޭނާ ވިދާޅުވި ގޮތުގައި ޒުވާނުން މަސައްކަތުގެ ދާއިރާއާ ދުރުވީ ސިޔާސީ މީހުންގެ ސަބަބުންނެވެ. އަދި އެގޮތަށް ވިދާޅުވެ, ޒުވާނުންގެ ދިފާއުގައި ފާރިސް ވާހަކަ ދެއްކެވި އެވެ.
"އަޅުގަނޑުމެން މިތިބި ހަރު މީހުން 40 އިން 50 އިން މަތީގެ މީހުން ޒުވާނުންނާ ދިމާލަށް ވަރަށް ބޭ އަދަބީކޮށް އެއްޗެހި މި ކިޔަނީ ދެއްތޯ. ވަރަށް ބޭ އަދަބީކޮށް, މަސައްކަތްކުރާ ބައެއް ނޫނޭ. ވަޒީފާއަށް އާ ބައެއް ނޫނޭ. މިއަނބުރާލަންވީ ދެއްތޯ މީތި. އަޅުގަނޑުމެންނަށް ނެތް ހައްގެއް އެހެން ކިޔޭކަށެއް." ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި މާލެ ތަރައްގީ ކުރުމުގެ ބަދަލުގައި އަތޮޅު ތެރޭގެ ރަށްތަކަށް ފޯކަސް ކުރައްވާނެ އެވެ. އަދި މާލޭ ރައްޔިތުންނާއި އަތޮޅު ތެރޭގެ ރައްޔިތުންނާ ދެމެދު އޮތް ތަފާތު ކުރުން ނައްތާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރަކަށް ފާރިސް ހުންނަވަނިކޮށް ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ޖަލުގައި އޮންނަވަން ޖެހިވަޑައިގަތެވެ. ރިޔާސީ އިންތިހާބަށް އޭނާ ނިކުމެ ވަޑައިގަތީ މެމްބަރުކަމުން ވަކިވެ ވަޑައިގަތްފަހުން ސިޔާސީ ކަންކަމާ ވަރަށް ބޮޑަށް ދުރުގައި ހުންނެވުމަށްފަހު އެވެ. ނަމަވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ މި ރިޔާސީ އިންތިހާބުގެ ރިޔާސީ ބަހުސްގައި ގިނަ ބައެއްގެ ތާއީދު ލިބުނީ ފާރިސްއަށެވެ.