އެމްޑީޕީން ދެން އެކުލަވާލާ ސަރުކާރެއްގައި ހިމެނޭ ކޯލިޝަންގެ ބައިވެރިންނަށް ދޭނެ އިންސައްތައެއް އަދި ކަނޑައަޅާފައިނުވާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކޯލިޝަން ހަދާފައިވަނީ ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ އެމްޑީއޭ އާއި އަދާލަތު ޕާޓީއާއެކުއެވެ.
ދެވަނަ ދައުރެއްގައި އެކުލަވާލާ ސަރުކާރެއްގައި ކޯލިޝަންތަކަށް ދޭން ނިންމާފައިވަނީ ސަރުކާރުގެ ކިތައް އިންސައްތަތޯ، ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ސުވާލުކުރުމުން ރައީސް ވިދާޅުވީ މިތާނަށް ކޯލިޝަން ތެރޭގައ އެއްބަސްވެފައި ވާނީ ކުރިއަތް އޮތް ފަސް އަހަރު އެކީގައި ތިބުމަށް ކަމަށެވެ.
"އޭގެ ތެރޭގައި ސަރުކާރުގެ ވަކި ޕަސެންޓެއް ވަކި ބަޔަކަށް ދިނުން އެއީކީ މިހާތަނަށް އަދި ވެވިފައިވާ އެއްބަސްވުމެއް ނޫން. އެހެން ނަމަވެސް ކެބިނެޓް ޝޭއާ ކުރާނެ ކަމާއި ސަރުކާރުގެ ބައެއް މަގާމުތައް ޝެއާކުރަން އެއްބަސްވެފައި އަދަދުތަކަށް އެއްބަހެއް ނުވަން" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަންތައްތަކާއި މެދު މަޝްވަރާކުރާނީ އިންތިހާބަށް ފަހު ކަމަށެވެ. މާ ބޮޑު ހިޔާލު ތަފާތުންވުންތަކެއް ނެތި ކޯލިޝަން ޕާޓްނަރުންނާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަމާޒު ހިފާފައިވަނީ މުޅި ޖުމްލަ 90،000 މެމްބަރުން އިތުރުކުރުން ކަމަށެވެ.
އެ ޕްރޮގްރާމްގައި ރައީސް ވަނީ ވެރިކަން ކުރަން ފަސް އަހަރުގެ ދައުރަކީ މާ ދިގު މުއްދަތެއްކަމަށް އެމަނިކުފާނު މީގެ ކުރިން ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ރައީސް ސޯލިހު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތުގައި އުޅުއްވިއިރުވެސް އެމަނިކުފާނުގެ ގެންގުޅުއްވީ އެ ހިޔާލު ކަމަށެވެ.
"އަޅުގަނޑުގެ ސްޓޭންޑަކަށް އޭރުވީ ހަތަރު އަހަރުގެ ދެ ދައުރު. ހަތަރު އަހަރުން ހަތަރު އަހަރަށް ރައްޔިތުންނާ ހިސާބަށް ދިޔުން" ރައީސް ވިދާޅުވީ ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ރައްޔިތުންނާ ހަމަޔަށް ދެވޭނަމަ ރައްޔިތުންނަށް މާ ގާތުން ގޮތް ނިންމަން ފަސޭހަވާނެ ކަމަށެވެ.
"މިހާރުވެސް އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ރާއްޖެއަށް ރިޔާސީ ނިޒާމަށް އެންމެ ރަނގަޅުވާނީ ހަތަރު އަހަރުން ހަތަރު އަހަރުގެ ދައުރެއް" އެންމެ ގިނަވެގެން އަށް އަހަރު ވެރިކަން ކުރެވޭ ގޮތަށް އޮތުން އެއީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ވިދާޅުވިއެވެ.
ބޮޑުމެޖޯރިޓީ އޮވެކީއްވެ ސަރުކާރުން ތިގޮތަށް ހުށަނޭޅީ މިދައުރު ކާނެއެއްޗެއްނުލިބިދާނެކަމަށްފެންނާތީ ބުނެލިއެއްޗެެްދޯ
މިއަދު