ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ ޒުވާން ކުޅުންތެރިން ހިމަނައިގެން 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ ޓީމު ބޫޓާނަށް ފުރައިފިއެވެ.

ގައުމީ 16 އަހަރުން ދަށުގެ ޓީމް މިދިޔަ ބުރާސްފަތި ދުވަހު ފުރަން ހަމަޖެހިފައި އޮތް އިރު، ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ބޫޓާނަށް ފުރުމަށް ބަސް ޓާމިނަލަށްވެސް ގޮސްފައެވެ. އެކަމަކު ޓިކެޓުގެ މައްސަލައެއް ދިމާވެގެން އެދުވަހު ފުރޭގޮތް ނުވީއެވެ. ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގައުމީ ޓީމަށް އެދުވަހު ނުފުރުނީ ހުރިހާ ކުޅުންތެރިންނަށް ޓިކެޓް ހަމަނުޖެހުމުންނެވެ.

ޓިކެޓުތައް ހަމަޖެހި އިއްޔެ ހެނދުނު ޓީމު ވަނީ އިންޑިއާގެ މަގުން ބޫޓާނަށް ދިއުމަށް ދަތުރު ފަށައިފައެވެ. ސްރީ ލަންކަން އެއާލައިނުން ޓީމު މުމްބާއީ އަށް ދިޔަ ނަމަވެސް، ބޫޓާންގެ ތިމްޕޫ ސިޓީ އަށް ދާ ރޫޓްގައި މުޅި ޓީމަށް އެއް ފްލައިޓަކުން ޖާގައެއް ލިބިފައި ނުވެ އެވެ. މުމްބާއީ އަށް ގޮސް ބައެއް ކުޅުންތެރިންނާ އޮފިޝަލުން ނިއު ދެއްލީ މަގުން ބޫޓާނަށް ދާނެ އެވެ. އަދި ބައެއް އެހެން ކުޅުންތެރިންނާ އޮފިޝަލުން ދާނީ ކަލްކަތާ މަގުންނެވެ.

މިފަހަރުގެ ގައުމީ 16 އަހަރުން ދަށުގެ ޓީމުގައި އުންމީދީ ސްކޮޑެއް އެބައޮތެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބުތަކުގައި ގަވާއިދުން ކުޅެމުން އަންނަ ބައެއް ކުޅުންތެރިންވެސް މި ސްކޮޑުގައި ހިމެނެއެވެ.

އެގޮތުން ވެލެންސިއާއިން ވިދާލި އީތަން އިބްރާހިމް ޒަކީ އާއި މުހައްމަދު އިލާން އިމްރާން ހިމެނެއެވެ. އޭގެ ތެރެއިން އީތަން މިހާރު އަންނަނީ ސްޕެއިނުގެ ހުއެސްކާގެ އެކެޑަމީގައި ބައިވެރިވަމުންނެވެ. ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖަހައި، ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށް ފަހު އީތަން ވަނީ ވެލެންސިއާގެ ޓީމާ ވަކި ވެފަ އެވެ.

އީތަންގެ އެ ގޯލު ޖަހަން އެހީތެރިވި އިލާން ފަހުން ވަނީ ފަހުން އެ ރެކޯޑް މުގުރާލައިފައެވެ. އީތަން އަށް ގޯލު ޖަހަން އެހީވި މެޗުގައި، 14 އަހަރާއި ހަ މަހާއި 22 ދުވަހުގައި އިލާން ވަނީ ލީގުގައި ގޯލެއް އެސިސްޓް ކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދައިފަ އެވެ.

އީތަންއާއި އިލާން ރެކޯޑް ހެދުމުގެ ކުރިން ޔޫސުފް އަޔާން އާމިރު (އާންބެ) މި ސީޒަނުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހެދި އިރު، އޭނާ ވެސް ސާފުގައި ކުޅޭނެއެވެ.

މީގެ އިތުރުން ދިވެހި ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް މިހާރު އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އާކިފް ބިން މުހައްމަދު ވެސް ސްކޮޑުގައި ހިމެނެއެވެ.

ބޫޓާންގައި މިއަދު ފަށާ 16 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ފުޓްބޯޅައިން ސަސްޕެންޑްކޮށްފައިވާ ސްރީ ލަންކާ ފިޔަވައި ދެކުނު އޭޝިއާގެ އަނެއް ހަ ގައުމުން މުބާރާތުގައި ވާދަ ކުރެ އެވެ.

ރާއްޖެ އާއި ޕާކިސްތާނު ލައްވާލީ ބޫޓާނާ އެކު ގުރޫޕް ބީ ގަ އެވެ. ރާއްޖެ އާއި ބޫޓާން ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ ބަންގްލަދޭޝާއި އިންޑިއާ އެވެ. އަދި ހަމަ މާދަމާ ބޫޓާނާއި ޕާކިސްތާނު ވެސް ވާދަ ކުރާނެ އެވެ.