ގެވެށި އަނިޔާއާއި ރޭޕްގެ ތުހުއްމަތުގެ ތަކުގެ ސަބަބުން ފުޓުބޯޅައާ ދުރުގައި ދޮޅު އަހަރު ދުވަހު ހުރުމަށްފަހު އެކަމުން ސަލާމަތްވެ، ގްރީންވުޑް ސްޕެއިނުގެ ގެޓާފޭއާ ގުޅިއްޖެއެވެ.
ކުރީގެ ލޯބިވެރިޔާއަށް ގެވެށި އަނިޔާ ދިނުމާއި، ރޭޕް ކުރި ކަމުގެ ތުހުއްމަތުގައި ގްރީންވުޑް ހައްޔަރުކޮށް ދައުވާ ވެސް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު އޭނާއާ ދެކޮޅަށް ކުރި ހުރިހާ ދައުވާއެއް ވަނީ އަނބުރާ ކޯޓުން ގެންގޮސްފައެވެ. އެއީ އޭނަގެ ކުރީގެ ލޯބިވެރިޔާ އެގޮތަށް ބޭނުންވެގެން ކަމަށް ކޯޓުން ވަނީ އޭރު ބުނެފައެވެ.
މި މައްސަލައިގައި ޔުނައިޓެޑުން މުއްދަތެއް ނެތް ގޮތަށް ގްރީންވުޑް ސަސްޕެންޑްކޮށްފައި ހުރި އިރު، އޭނާގެ މައްޗަށް ކުރެވުނު ދައުވާއާ ގުޅިގެން އެ ކުލަބުން ވަނީ އަމިއްލަ އިންވެސްޓިގޭޝަނެއް ކޮށްފައެވެ. އަދި ދައުވާ އަނބުރާ ގެންދިޔަ ނަމަވެސް ކުލަބުން ބަލަން ޖެހޭ ގިނަ ކަންތައްތަކެއް ބަލައި އޭނާ ކުލަބުގައި ބެހެއްޓުމާ މެދު ގޮތް ނިންމާނެ ކަމަށް މި މަހުގެ ކުރީކޮޅު އެކުލަބުން ބުނެފައިވަނިކޮށް މިދިޔަ ހަފުތާތެރޭ ވަނީ ޔުނައިޓެޑުން ގްރީންވުޑުގެ މުސްތަގުބަލާއި މެދު ގޮތެއް ނިންމައިފައެވެ.
އެގޮތުން ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ދަމަހައްޓާފައިވާ އިރު، މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެހެން ކުލަބަކަށް އޭނާ ބަދަލުވުން ކަމަށްވާތީ މި ސީޒަނުގައި އޭނާ ޔުނައިޓެޑުގައި ނުކުޅޭނެކަމަށް ޔުނައިޓެޑުން ވަނީ ބުނެފައެވެ. އެކަމަކު ގްރީންވޫޑް ގެންދަން ޔޫރޮޕުގެ ގިނަ ކުލަބުތަކަކުން ވަނީ އެއަށްފަހު ވެސް ދެކޮޅު ހަދައިފައެވެ. އެގޮތުން އިޓަލީގެ ޔުވެންޓަސް، ރޯމާ އައި ލާޒިއޯއިން ވެސް ކުރިން ގްރީންވުޑާއި މެދު ޝައުގުވެރިކަން ފާޅުކޮށްފައި އޮތަސް މިހާރު އެކުލަބުތަކުން އޭނާ ބޭނުން ނުވާކަން ހާމަކުރިއެވެ.
ކުލަބެއް ނެތި ހުރުމަށްފަހު ގްރީންވުޑަށް އެންމެ ފަހުން ޓްރާންސްފާ މާކެޓު ބަންދުވާން ކުޑަތަންވެފައިވަނިކޮށް ސްޕެއިނުގެ ގެޓާފޭއިން ވަނީ ހުށައެޅުމެއް ދީފައެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ގްރީންވުޑް ގެންދަން އެކުލަބުން ހުށައެޅުމުން ޔުނައިޓެޑުން ވަނީ ގްރީންވުޑަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ނިންމާ އެ ހުށައެޅުން ގަބޫލުކޮށްފައެވެ.
އަދި ރޭގެ ވަގުތެއްގައި ގެޓާފޭއިން ވަނީ ގްރީންވުޑްގެ ސޮއި ހޯދިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.
އުމުރުން 21 އަހަރުގެ ގްރީންވުޑް ގެންދަން ސައުދީ އަރަބިއްޔާގެ ބައެއް ކުލަބުތަކުން ވެސް މަސައްކަތްކުރާ ކަމުގެ އަޑު ފެތުރުނެވެ. އެގޮތުން ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ސްޓީވެން ޖެރާޑް ކޯޗުކޮށްދެމުން އަންނަ އަލް އިއްތިފާގު ހިމެނެއެވެ. ނަމަވެސް އެކުލަބުން ވެސް ވަނީ ގްރީންވުޑާ ބެހޭ ގޮތުން ފެތުރޭ ވާހަކަތައް ދޮގުކޮށްފައެވެ.
ގްރީންވުޑް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުއެވެ. ވެސްޓްހަމްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު އެ މެޗަށްފަހު އޭނާ ހުރީ މުއްދަތެއް ނެތްގޮތަށް ސަސްޕެންޝަނުގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ