މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އަންހެން ޓީޓީ ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދި އިރު، އާއިޝަތު ރަފާ ރިހި މެޑަލް ހޯދައިފިއެވެ.

ރޭ ކުޅުނު ސިންގަލްސް ބައިގެ ފައިނަލުގައި ބައްދަލު ކުރީ 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އައިއޯއައިޖީގައި ވެސް ވާދަކުރި ރާއްޖޭގެ ރަފާއާއި ދީމާއެވެ. އެފަހަރުގެ އައިއޯއައިޖީގައި ވެސް ރަން މެޑަލް އެ ކެޓަގަރީއިން ހޯދި ދީމާ ވަނީ ރޭގެ މެޗުން ވެސް ރަފާގެ މައްޗަށް 2-4 ސެޓުން މޮޅުވެ އެ މެޑަލް ދެވަނަ ފަހަރަށް ދިފާއުކޮށްފައެވެ.

ރޭގެ ރަން މެޑައްޔާއެކު ދީމާ ވަނީ މިފަހަރުގެ އައިއޯއައިޖީގައި ތިން ރަން މެޑައްޔާއި ލޯ މެޑައްޔެއް ހޯދައިފައެވެ. އެއީ އަންހެން ޓީމް އިވެންޓުން ހޯދި ރަން މެޑައްޔާއި، ޑަބަލްސް އަދި ސިންގަލްސްގެ ރަން މެޑަލްގެ އިތުރުން މިކްސް ޑަބަލްސްގެ ލޯ މެޑަލްއެވެ. އަނެއްކޮޅު ރަފާވެސް ވަނީ ތިން ރަން މެޑައްޔާއި އެއް ރިހި މެޑަލް މިފަހަރުގެ އައިއޯއައިޖީގައި ހޯދައިފައެވެ. އެއީ އަންހެން ޓީމް އިވެންޓާއި، މިކްސް ޑަބަލްސް އަދި ޑަބަލްސްގެ ރަން މެޑަލްގެ އިތުރުން ރޭ ކުޅުނު ސިންގަލްސްގެ ރިހި މެޑައްޔެވެ.

ރޭ ކުޅުނު އަންހެން ސިންގަލްސްގެ ފުރަތަމަ ސެޓު 11-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރަފާ އެވެ. ފޯރިގަދަ ދެވަނަ ސެޓު 14-12 އިން ކާމިޔާބުކޮށްފައިވަނީ ދީމާއެވެ. ދީމާ ވަނީ ޖެހިގެން އައި ދެ ސެޓުވެސް 11-9 އަދި 11-7 ން ކާމިޔާބުކޮށްފައެވެ.

އެ މެޗުގެ ފަސްވަނަ ސެޓު ކާމިޔާބުކޮށްގެން މޮޅުވުމުގެ ފުރުސަތު ދީމާ އަށް ލިބުނެވެ. ނަމަވެސް، 11-8 ގެ ނަތީޖާއަކުން ސެޓު ކާމިޔާބުކުރީ ރަފާ އެވެ. މެޗުގެ ހަވަނަ ސެޓު 11-8 ން ކާމިޔާބުކޮށް، ދީމާ ވަނީ ރަން މެޑަލް ދިފާއުކޮށްފައެވެ.

އައިއޯއައިޖީގައި އަންހެން ޓީމުން ގިނަ މެޑަލްތަކެއް ހޯދި އިރު، ފިރިހެން ޓީމުންވެސް މިފަހަރު ވަނީ ގިނަ މެޑަލްތަކެއް ހޯދައިފައެވެ. އެގޮތުން ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލުގައި ރާއްޖޭގެ މުހައްމަދު ޝައްފާން ވަނީ ވާދަކޮށް ރިހި މެޑަލް ހޯދައިފައެވެ. އޭނާ ވަނީ މިފަހަރުގެ ޓީޓީ އިވެންޓުގައި ހަތަރު މެޑަލް ހޯދައިފައެވެ. އެއީ ތިން ރިހި މެޑަލްއާއި އެއް ލޯ މެޑަލްއެވެ.

ފިރިހެން ސިންގަލްސް ފައިނަލުގައި ޝައްފާން ވާދަކޮށްފައިވަނީ މަޑަގަސްކަރައިގެ ނަޓީވެލް ޖޮނަތަން އާއެވެ. ރާއްޖޭގެ މުންސިފް ސެމީ ފައިނަލުން ބަލިވެފައިވަނީވެސް ނަޓީވެލް ކައިރިންނެވެ. އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ، ނަޓީވެލް މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މިފަހަރުގެ އައިއޯއައިޖީގައި މިހާތަނަށް 22 މެޑަލްއެއް ޖުމުލަ ރާއްޖެއިން ހޯދާފައިވާ އިރު، ޓީޓީއިން އެކަނިވެސް ވަނީ ނުވަ މެޑައްޔެއް ހޯދައިފައެވެ.