މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ ހައުސިން ސްކީމްގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ "ޕޯޓް ރެސިޑަންސް"ގެ އެޕާޓްމަންޓްތަކަށް މަހުން މަހަށް މުވައްޒަފުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް އިތުރު ލުއިތަކެއް ދިނުމަށް އެމް.ޕީ.އެލްގެ ބޯޑުން ނިންމައިފައެވެ.

މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުޞޫލަށް އެމް.ޕީ.އެލްގެ ބޯޑުން ގެނައި ބަދަލާއެކު ޑައުންޕޭމަންޓަށް ފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު މުވައްޒަފުންނަށް ވަނީ ހުޅުވާލައިފައެވެ.

މީގެ ކުރިން މަހުން މަހަށް ފައިސާ ދައްކަންޖެހޭނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެނެވެ.

މަހު ކުލި 25 އަހަރަށް ބަހާލުމުން، ޑައުޕޭމަންޓް ފައިސާ ދެއްކުމުގެ "އޮޕްޝަން 1"ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް އޭ)ގެ މަހު ކުއްޔަށް ފުރަތަމަ ފަސް އަހަރު ދައްކަންޖެހޭނީ 3،741.38ރ އެވެ. އަދި އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް ބީގެ) އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަންޖެހޭނީ 3،872.94ރ އެވެ.

އަދި ބާކީ އޮތް 20 އަހަރުގައި މަހު ކުއްޔަށް ދައްކަންޖެހޭނީ 4،061.54ރ (ޓައިޕް އޭ) އަދި (ޓައިޕް ބީ) 4204.37ރ އެވެ. ކުރިން އޮތް ގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާނަމަ، (ޓައިޕް އޭ) 4،585.16ރ އަދި (ޓައިޕް ބީ) 4،746.0ރ ދައްކަންޖެހެ އެވެ.

މި އޮޕްޝަންގައި ތިން ރޫމް އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ދައްކަންޖެހޭނީ (ޓައިޕް އޭ) 7،015.08ރ އަދި (ޓައިޕް ބީ) 7،182.60ރއެވެ. އަދި ބާކީ އޮތް ވިހި އަހަރު (ޓައިޕް އޭ) 8،073.56ރ އަދި (ޓައިޕް ބީ) 8،260.45ރ އެވެ.

މި އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންގެ އިތުރުން، އޮޕްޝަން 2، 3، އަދި 4ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންނަށްވެސް މި އުޞޫލުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަދި މި އޮޕްޝަންތަކުގެ ދަށުން ޑައުންޕޭމަންޓް ދެއްކުމަށް ހިޔާރުކޮށްފައިވާ މުވައްޒަފުންނަށް ވެސް "އޮޕްޝަން 1" އަށް ބަދަލުވުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން "އޮޕްޝަން 1" އަށް ބަދަލުވުމަށް ދެ އަހަރުގެ ތެރޭގައި ފައިސާ ދައްކާ މުވައްޒަފުންނަށް، ފައިސާ ހަމަކުރާ ދުވަހުން ފެށިގެން "އޮޕްޝަން 1"ގެ ލުއިތައް ލިބިގެންދާނެއެވެ.

އެމް.ޕީ.އެލްގެ 3 ޓަވަރުގައި މިހާރު ކުރިއަށް ދަނީ ލިފްޓާއި ކަރަންޓު އަދި ފެނުގެ މަސައްކަތްތައް ކަމަށް އެކުންފުނިން ބުނެއެވެ.

މި މަސައްކަތްތައް ނިމި، މި ފެށޭ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ފްލެޓުތަކުގައި މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެމް.ޕީ.އެލް އިން ދަނީ ފްލެޓުތަކުގެ ތަޅުދަނޑި މުވައްޒަފުންނަށް ހަވާލުކުރަމުންނެވެ.

މުވައްޒަފުންނަށް އެޕާޓްމަންޓްގެ ތަޅުދަނޑި ހަވާލުލުރަން ފެށީ އެޕާޓްމަންޓްގައި މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންނެވެ.

އެމް.ޕީ.އެލް އިން ނިންމާފައިވަނީ މުވައްޒަފުން ފްލެޓްތަކުގައި ދިރިއުޅެން ފަށާ ދުވަހުން ފެށިގެން، މި އަހަރުގެ ނިޔަަލަށް ފްލެޓްތަކަށް ކުއްޔެއް ނުނެގުމަށެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން ފެށި ބޯ ހިޔާވެހިކަމުގެ މަޝްރޫޢުގެ ދަށުން އެމްޕީއެލް އިން އިމާރާތްކޮށްފައިވަނީ 15 ބުރީގެ ތިން ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި 2+1 ކޮޓަރީގެ 330 އެޕާޓްމަންޓެވެ.