ގައުމީ ފުޓުބޯޅަ ޓީމުގައި އެންމެ ފަހުން ކޯޗަކަށް ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއާއެކު އެފްއޭއެމުން ހަދާފައިވާ އެއްބަސްވުން އިއްޔެއަށް ހަމަވި އިރު، މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާ ދައްކާ ނުނިމޭ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕަށް ފަހުއެވެ. އޭނާގެ ކޯޗުކަމުގައި ކުޅުނު ގިނަ މެޗުތަކުން ރާއްޖެއިން ދަށް ނަތީޖާތަކެއް ނެރިފައިވާ އިރު، ގިނައެއްގެ ފާޑުކިޔުންތަކާއެކުވެސް އެފްއޭއެމުން ވަނީ އޭނާއާއެކު ހަދާފައިވާ އެއްބަސްވުން ފަހުން އައުކޮށްފައެވެ. އެކަމަކު މިއަހަރު އިންޑިއާގެ ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން މީގެ ކުރިން އެ މުބާރާތުގައި ނުނެރޭހާ ދަށް ނަތީޖާއެއް ނެރުމުން އެފްއޭއެމުން ވަނީ ކޮންޓްރެކްޓް ހަމަވުމުން މޮރިއޭރޯއާއެކު ކުރިއަށް ނުދާނެކަން ހާމަކޮށްފައެވެ.

ޖުލައި މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައްސާމް ވަނީ މޮރިއޭރޯގެ ބަދަލުގައި ވަގުތީގޮތުން ކޯޗުކަމާ ހަވާލުވާނީ އެސިސްޓެންޓް ކޯޗު އަލީ ސުޒެއިން ކަމަށް ބުނެފައެވެ. އަދި ކޮންޓްރެކްޓް ހަމަވުމާ ދޭތެރޭގައި އިތުރު މެޗެއް ނެތުމުން މޮރިއޭރޯއަށް ގައުމީ ޓީމާއެކު އިތުރު މަސައްކަތް ކުރުމަށް ފުރުސަތު ނުލިބޭނެކަން ހާމަކުރިއެވެ. އެއާއެކު ބައްސާމް ވަނީ އޭރުވެސް ކޯޗަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

އެގޮތުން މިއަހަރުގެ ސާފަށް ދިއުމުގެ ކުރިން މުސާރައިގެ ބޮޑުބައި ދެއްކި ނަމަވެސް ހައެއްކަ މަހުގެ މުސާރަ ނުދެވި ހުރިކަން ބައްސާމް ފާހަގަކުރެއްވިއެވެ. ބައްސާމް އޭރު ވިދާޅުވީ އެގޮތަށް ކަންތައްވީ ގައުމީ ކޯޗަކީ ބައެއްގެ ސްޕޮންސާ ލިބިގެން ގެނައި ކޯޗެއް ކަމަށްވެފައި، އެކަމަކު ފަހުން ސްޕޮންސާ ލިބޭ ގޮތް ނުވެ އެފްއޭއެމުން އަމިއްލައަށް އެ ފައިސާ ދައްކަން ޖެހުނީމާ މަހުން މަހަށް މުސާރަ ނުދެވުނީ ކަމަށެވެ.

އަދި އިއްޔެގެ ނިޔަލަށް މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވި އިރު، އަދިވެސް މުސާރަތައް ދީ އެއްކޮށް ނުނިމޭ ކަމަށް ބައްސާމް ރޭ ވަނީ އެފްއޭއެމް އޮފިޝަލް މީޑިއާ ގުރޫޕުގައި ވިދާޅުވެފައެވެ.

"އެފްއޭއެމުން ވާނީ މުސާރައިގެ ގޮތުގައި ނުދެވި ހުރި ފައިސާތައް ބަހާލައިގެން ދެއްކުމަށް އެއްބަސްވުމެއް ހަދައިފަ. އިންޝާﷲ މި މަހުގެ މެދުތެރޭ އެ ހުރިހާ ފައިސާއެއް ދައްކާނަން." ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމުން އެލް ޕްރައިވެޓް ލިމިޓެޑް އަތުން ނަގާފައިވާ ލޯނެއް ނުދައްކައިގެން ސިވިލް ކޯޓުން މިފަހުން ވަނީ އެ އިދާރައިގެ މައްޗަށް 10 ދުވަސް ތެރޭގައި 2 ލައްކަ ޑޮލަރު އެ ކުންފުންޏަށް ދައްކަން ހުކުމް ކޮށްފައެވެ.