އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށްފަހު ޔޫއެފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނޯވޭގެ މެންޗެސްޓާ ސިޓީ ސްޓްރައިކަރު އާލިންގް ހާލަންޑް ހޯދައިފިއެވެ.
ޔޫރޮޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާލަންޑް ހޯދީ މެސީ އަދި ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާއާ ވާދަކޮށްގެންނެވެ. ހާލަންޑަށް ޔޫއެފާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑް ރޭ ހަވާލުކުރި އިރު، ދެވަނަ ލިބުނީ ޔޫރޮޕް ދޫކޮށް އެމެރިކާގެ އެމްއެލްއެސްގައި ވާދަކުރާ އިންޓަ މައިއޭމީއަށް މިހާރު ކުޅޭ މެސީއަށެވެ. ތިންވަނައަށް ދިޔައީ ހާލަންޑުގެ ޓީމް މޭޓް ޑިބްރޭނާއެވެ.
ހާލަންޑް ޔޫއެފާގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިރު، އޭނާ ވަނީ ވޭތުވެ ދިޔަ އަހަރުގެ ތެރޭ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭކަޕް ސިޓީއިން ހޯދި އިރު، ހާލަންޑް ވަނީ ލީގުގެ ގިނަ ރެކޯޑްތަކެއް މުގުރާލައިފައެވެ. އެގޮތުން ޕްރިމިއާ ލީގުގެ ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ސިޓީގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު މިދިޔަ ސީޒަނުގައި އުފުލާލި އިރު، ހާލަންޑަކީ އެ މުބާރާތުގެ ޓޮޕް ސްކޯރާ އަދި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މި ކާމިޔާބީތަކާއެކު ހާލަންޑް މި އަހަރުގެ ޔޫރޮޕުގެ އެއްވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދި އިރު، އެންމެ މޮޅު ކޯޗަކަށް ވެސް ހޮވުނީ ސިޓީގެ ޕެޕް ގާޑިއޯލާއެވެ.
"އަހަރެން ޓްރެބަލް މި ކާމިޔާބު ކުރީ އުމުރުން 22 އަހަރުގައި. އަބަދުވެސް ދެކެމުން އައި ހުވަފެން މިހާރު މިއީ ހަގީގަތެއް،" ފްރާންސްގެ މޮނާކޯގައި ރޭ އޮތް ރަސްމިއްޔާތުގައި ހާލަންޑް ބުންޏެވެ.
މިއަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިފަހުން އޮތް އަންހެނުންގެ ވޯލްޑްކަޕު ކާމިޔާބުކުރި ސްޕެއިނުގެ ކުޅުންތެރިޔާ އައިތަނާ ބޮންމަތީއެވެ.