"ކީކޯތޯ އަޅުގަނޑު ދަންނަވާނީ. މިއީ އަޅުގަނޑުގެ އުފަން ރަށް. އެކަމާއި ދޭތެރޭގައި އަބަދުވެސް ފަހުރުވެރިވަން" ކަނާއަތުން މޭމަތީގައި އަތްއަޅައިލައްވަމުން ހިންނަވަރު "އިބޫ" ވިދާޅުވީ މިހެނެވެ.

ރަށުގެ އެތައް ބަޔަކު ބައިވެރިވި އެ ޖަލްސާގައި އަންނަ މަހުގެ 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ދެވަނަ ދައުރެއް ހޯއްދެއްވުމަށް ނިކުންނަވާ ރައީސް ސޯލިހު ވިދާޅުވީ ހިންނަވަރަށް އުފަންވީތީ ލިބޭ ފަހުރަށްވުރެ ބޮޑު ފަހުރެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެއަށް ފަހު ވިދާޅުވީ އުފަން ރަށުގައި ހުންނަވައި ވާހަކަ ދެއްކެވުމަކީ އެމަނިކުފާނަށް އެންމެ އުދަނގޫވެވަޑައިގަންނަވާ ކަންތައް ކަމަށެވެ.

"ރަށުގެ ކުދިކުދި މަގުތަކާއި، އެކަމަކުވެސް އަޅުގަނޑަށް އެންމެ ހިތްފަސޭހަ އީ މި ހިންނަވަރު" ކުޑައިރުގެ ހަނދާންތައް އާކުރައްވަމުން ރަށަށް އޮތް ލޯބި ބަންޑުން ޖައްސަވާލެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުންނަމަ ހިންނަވަރަކީ ތަނަވަސް، ފުދުންތެރި އިލްމީ ހުނަރުވެރި އެތައް ބަޔަކު އުފެއްދި ރަށެއް ކަމަށެވެ. އެ ސަރަހައްދުގައި ހިމެނޭ ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަކީ ހުނަރުން ފުރިގެންވާ ރަށްތަކެއް ކަމަށް ވިދާޅުވެ ރައީސް އުފެއްދެވީ ސުވާލެކެވެ.

"ކީއްވެގެންތޯ މި މީހުންނަށް މި ރަށްތަކުގައި ނޫޅުނީ. މި ތަންތަން ދޫކޮށްފައި ގޮސް މާލެއާ އެހެން ތަންތަނުގައި އުޅެން ޖެހުނީ"

ހިންނަވަރުގެ ގިނަ ބަޔަކު ޖަލްސާގައި ބައިވެރިވި/ ފޮޓޯ: ހަތާވީސް

ރައީސް ވިދާޅުވި ގޮތުންނަމަ ހިންނަވަރު އާބާދީ އަކީ 5000 ކަމަށްވިޔަސް ރަށުގައި އުޅެނީ 2100 މީހުން ކަމަށެވެ.

"އުމްރާނީ ތަރައްގީ މިއިން ރަށަކަށް އަންނަންވީ ވަރަށް ނައިސް މިއޮތް ސަބަބުން ތިބޭފުޅުން ވިސްނަވާލައްވާ" ސަޕޯޓަރުންނާ މުހާތަބުކުރައްވާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިންނަވަރަށް ބަލައިލިޔަސް ފުދުންތެރި އެތައް ބަޔަކު އެބަތިބި ކަމަށާއި އެކަމަކު ކުރިއަށް ދެވޭނެ ގޮތެއް ނެތީ ކުރީގެ ސަރުކާރުތަކުން ވެފައިވާ އިހުމާލުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އަމާޒުހިފީ މުޅި ރާއްޖެ ތަރައްގީ ކުރުމަށް ކަމަށް ވިދާޅުވިއެވެ.

"މި ފަދަ ހޭލުންތެރި މީހުން ދިރިއުޅޭ ރަށްރަށް އަލުން އަނބުރާ އިޔާދަކުރަން. މި ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭ ގޮތް ހެދުން" މާލެއަށް ލުޔެއް ލިބޭނީ ރަށްރަށް ތަރައްގީކޮށްގެން ކަމަށް ވިދާޅުވެ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ ބޮޑު ފަހުރަކީ ހިންވަރަށް އުފަންވެވަޑައިގަތުން ކަމަށް/ ފޮޓޯ: ހަތާވީސް

ބަދަލުތައް މިނެކިރާލަން އެންމެ ރަނގަޅީ ހިންނަވަރު މީހުން

މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން 25 އަހަރު ދުވަހު ކުރައްވާފައިވާ ރައީސް ސޯލިހު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވީ 1980 ގެ އަހަރުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާއިންނެވެ. "ސަންގު ނޫސް" ނަމަކަށް ކިޔާ ނޫހަކުންނެވެ.

"އެ ނޫސް ނެރެފައި ބަންދުކޮށްފާނެތީ މާލޭގައި ތިބެން ނުކުރިގެން އައިސް ދެން ވަނީ ކިހިނެއްތޯ ބަލަނީ. ނޫނީ ކޮޅުނބަށް ފުރައިގެންދަނީ. މި ހުރިހާ ތަޖުރިބާއެއް ކޮށްފައި ތިބި ބޭފުޅުން މިތާ ތިއްބާވާނެ" ޖަލްސާގެ ބައިވެރިންނަށް އިޝާރާތްކުރައްވުމަށް ފަހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ ގޮތުން 1980 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އައި ބަދަލުތައް މިނެ ކިރާލަން އެންމެ ރަނގަޅަށް އެނގޭ ބަޔަަކަށް ހިންވަރު މީހުން ވާނެ ކަމަށެވެ.

"ހުރިހާކަމެއް ގާތުން ފެނި އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފައި ތިއްބެވި ބޭފުޅުން ތިއްބަވާނެ" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މައިންބަފައިންނަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ގާތުގައި މަސައްކަތްކުރެއްވި ބޭފުޅުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަކު އެރަށަށް އަންނަން ޖެހޭ ހެޔޮ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ މި ރަށްރަށުގެ ރައްޔިތުން ބޭނުންވާނީ ކޮންކަމެއްކަން. ހިންނަވަރުގެ ރައްޔިތުން ބޭނުންވަނީ ކޮންކަމެއްކަން" ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި މަސައްކަތް ކުރައްވަނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.