ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް މިހާރު ލިބޭ 1،000 ހައްޖު ކޯޓާ 2،000 ކޯޓާ އަށް އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ "ދޯހަޅި"ކަން ހައްޖު ކޯޕަރޭޝަނަށް އެކަނި ބަލާލި ނަމަވެސް ފެންނަ ކަމަށާއި އެގޮތުން އެތައް ހާސް ރައްޔިތުންނެއް މިހާރުވެސް ހައްޖަށް ދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަންގައި އެދިފައިވާ ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން މުއިއްޒު ވަނީ ރާއްޖެ އަށް މިހާރު ލިބޭ ހައްޖު ކޯޓާ އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ ސައުދީ ސަރުކާރާއި ވާހަކަ ދައްކައިގެން މިހާރު ލިބޭ ހައްޖު ކޯޓާގެ މިންވަރު 2،000 ކޯޓާ އަށް އިތުރު ކުރަން،" ވެރިކަމަށް އިންތިހާބުވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ކޮށްދެއްވާނެ ކަމެއްގެ ގޮތުގައި މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން މުއިއްޒު ވިދާޅުވީ މިހާރު ހައްޖު ކޯޕަރޭޝަންގައި ހައްޖަށް ދިއުމަށް އެދިފައި ތިބި މީހުންގެ ބެކްލޮގު ވެސް ވެރިކަން ލިބޭތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފިލުވައި ދޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ ސައުދީ ރަސްގެފާނާއި އެގައުމުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުން ގާތް ގުޅުމެއް ބޭއްވި ކަމަށާއި އެގުޅުން އެގޮތުގައި ދަމަހައްޓަވާނެ ކަމަށެވެ.
މުއިއްޒުގެ ވާހަކަފުޅުގައި ނައިފަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. އެގޮތުން ނައިފަރު ބަނދަރު އިތުރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެރަށަކީ ތައުލީމީ ރަށެއް ކަމަށާއި އެރަށުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން އެރަށުގައި އެމްއެންޔޫގެ ކެމްޕަހެއް ގާއިމް ކޮށްދެއްވާނެ ކަމަށާއި އަދި އެރަށަކީ ދީނީ ތައުލީމު ވެސް އުނގެނިގެން ތިބި ގިނަ ބަޔަކު ތިބި ރަށަކަށް ވާތީ އެރަށުގައި އިސްލާމީ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.