ރަށްރަށުގެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް ނުލިބުނު ނަމަވެސް އަދި އެ ރަށެއް ނިސްބަތްވާ މަޖިލީހުގެ ގޮނޑި އެޕާޓީ އަށް ނުލިބުނު ކަމުގައިވިއަސް ތަފާތު ކުރުމެއް ނެތި ތަރައްގީ ގެންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ޅ. އަތޮޅު ނައިފަރަށް ވަޑައިގެން އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 50އަށްވުރެ ގިނަ ރަށްތަކުގެ ކައުންސިލް މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމް އަށް ކަމަށެވެ.

ނައިފަރަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެރަށުގެ ކައުންސިލް މެޖޯރިޓީ ވެސް އޮތީ ޕީޕީއެމް އަށް ކަމަށާއި އަދި އެ ދާއިރާގެ މަޖިލިސް މެންބަރަކީ ވެސް ޕީޕީއެމް މެންބަރެއް ކަމަށެވެ.

"އެހެންނަމަވެސް ތަފާތު ކުރުމެއް ނެތި އަޅުގަނޑު މި ދެންނެވި ތަރައްގީގެ މަޝްރޫއުތައް އައިސްފައި ހުރިކަން ގެންނަތަން ތިޔަ ހުރިހާ ބޭފުޅުންނަށް ސާފުކޮށް ރާއްޖޭގެ ކޮންމެ ރަށަކުން ފެންނާނެ. ކުރިޔަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ ސިޔާސަތަކީ އެއީ. ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ނައިފަރު މަސްވެރިންނަކީ ރައީސްގެ ވަރަށް ގާތް ރަހުމަތްތެރިންކަން ފާހަގަކުރައްވާ ރައީސް ވަނީ އެމަނިކުފާނާއި ދިމާވާ ކޮންމެ ފަހަރަކު އެ މަސްވެރިންގެ އެތައް ޝަކުވާއެއް މީގެކުރިން އޮތް ކަމަށް ވިދާޅުވެފައެވެ. ރައީސް ވަނީ 40 އަހަރުގެ ތެރޭގައި ޅ. އަތޮޅުގައި ހިންގަމުން އަންނަ ފެލިވަރު ކާރުހާނާ އަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ސުވާލު ކުރައްވާފައެވެ.

މަސްވެރިކަން ކުރާ އުޅަނދުތައް ބޮޑެތިވަމުން ދިޔަ ނަމަވެސް ފެލިވަރު އޮތީ އެތަން ފެށިއިރު ވެސް އޮތް ހާލަތުގައި ކަމަށާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ވެސް ހުރީ ހަމަ އެވަރެއްގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މަސްވެރިކަމުގެ ސިނާއަތް ހިންގަން ޖެހޭނެ ގޮތަކީ އެއީ ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފަށައިގެން މި ގެންނަ ބަދަލު އަންނަ އަހަރު މެދުތެރެއަށް ނޫނީ އަންނަ އަހަރު ނިމެންވާއިރަށް ގެނެސް ނިމުނީމާ އަޅުގަނޑުމެން މި ބޭނުންވާ ތިބޭފުޅުން ތި ބޭނުންވާ ބޮޑު ބަދަލު އެ ސިނާއަތަށް އަންނަތަން ތިޔަ ބޭފުޅުންނަށް ފެނިގެން ދާނޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންވާ ވައުދާއި ގުޅޭ ގޮތުން ފާޑު ވިދާޅުވެ ރައީސް ވަނީ އިންތިހާބަށް ހަފްތާއަކަށްވުމުން މަސް ކިލޯއެއް 20 ރުފިޔާ އަށް 22 ރުފިޔާ އަށް ހަދާނެ ކަމަށް ވިދާޅުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.