ފަހަކަށް އައިސް ބާސެލޯނާގެ ފުރަތަމަ އެގާރައިން ފުރުސަތު ގެއްލިފައިވާ ޒުވާން ފޯވާޑް އަންސޫ ފާޓީ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުގެ ބްރައިޓަނަށް ސޮއިކުރަން އެއްބަސްވެއްޖެއެވެ.
ބާސެލޯނާއަށް އެންމެ 17 އަހަރުގައި ގޯލު ޖަހައި ރެކޯޑުތަކެއް ވެސް ހެދި ޕާޓީއަށް ލިބުނު އަނިޔާތަކާއެކު އޭނާއަށް އަލުން އަނބުރާ ކުރީގެ ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. އަދި ބާސެލޯނާއަށް އަލަށް ގުޅުނު ކުޅުންތެރިންނާއެކު ފާޓީއަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ގެއްލި، ގިނަ މެޗުތައް ބެންޗުގައި މަޑުކުރަން ޖެހިފައެވެ. ނަމަވެސް ބާސެލޯނާ ދޫކޮށްލަން އޭނާ ބޭނުންނުވާކަން ސީޒަން ފެށުމުގެ ކުރިން ވެސް ވަނީ ހާމަކޮށްފައެވެ.
ބާސެލޯނާގެ ލެޖެންޑް ލިއޮނެލް މެސީ އެކުލަބުން ދިޔަ ފަހުން އޭނާގެ 10 ނަންބަރު ޖާޒީގައި ކުޅުނު ފާޓީއަށް މިދިޔަ ދެ ސީޒަނުގައިވެސް ގިނަ ހުށައެޅުންތަކެއް ވަނީ އައިސްފައެވެ. އަދި މިފަހަރުގެ ހޫނު މޫސުން ޓްރާންސްފާގައި ވެސް ސްޕެއިނުގެ ސެވިއްޔާ އާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމުން ވަނީ އޭނާ ހޯދުމާ ގާތަށް ޖެހިލައިފައެވެ. އެހެން ނަމަވެސް ޓްރާންސްފާ މާކެޓު ބަންދުވާން ވަގުތު ކުޑަތަންވެފައިވަނިކޮށް އޭނާ ވަނީ ބްރައިޓަންއަށް ކުޅެން އެއްބަސްވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފާޓީ ބްރައިޓަނާ ގުޅެނީ މި ސީޒަނުގެ ނިޔަލަށެވެ. އޭނާގެ މުސާރައިގެ ބޮޑުބައި އެ ކުލަބުން ދައްކައިދޭ ގޮތަށް ލޯނު އެއްބަސްވުމެއް ބާސެލޯނާއާއެކު ހަދައި މިއަދު ވަނީ ސޮއި ކުރުމަށް އިނގިރޭސިވިލާތަށް ފާޓީ ދަތުރުކުރަން ވެސް ނިންމައިފައެވެ. ބްރައިޓަނުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ އެއްބަސްވުން ނިންމާ ފާޓީ ޓީމާ ގުޅެން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ޓޮޓެންހަމުން ފާޓީ ހޯދުމާ ގާތަށް ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނަމުން ދަނިކޮށް އޭނާ ބްރައިޓަނަށް ކުޅެން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ކޯޗު ރޮބާޓޯ ޑެ ޒާބީއެވެ. އޭނާ ވަނީ ފާޓީއާ ވަކިން ވާހަކަ ދައްކައި، ބްރައިޓަންގެ ޕްރޮޖެކްޓު އޭނާއާ ހިއްސާކޮށްފައެވެ.
ބްރައިޓޮންއިން ވަނީ މިފަހަރުގެ ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައެވެ. އެ ޓީމުން އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތައިގައެވެ. ނިއުކާސަލްއާ ދެކޮޅަށް އެ ޓީމުން އެ މެޗަށް ނުކުންނަ އިރު، ފާޓީގެ އެއްބަސްވުން ނިމިއްޖެ ނަމަ އެ މެޗު އޭނާއަށް ކުޅެވޭނެއެވެ.