މީގެ 60 އަހަރު ކުރިން 1962 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހު، ކުރީގެ ރައީސް އިބްރާހިމް ނާސީރުގެ ވެރިކަމުގައި ސިފައިން ފޮނުވައި ގދ. ތިނަދޫން މީހުން ބަލުވައި އެ ރަށް ފަޅުކުރި މައްސަލާގައި ސަރުކާރުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށު ރައްޔިތުންގެ ކިބައިން މިރޭ މާފަށް އެދިވަޑައިގެންފިއެވެ.

"ސިލްވާ ކްރެސްޓް" ނަމަކަށް ކިޔުނު ބޯޓެއްގައި ސިފައިން ގޮވައިގެން ނާސިރު އެ ރަށަށް ވަޑައިގެން އެތައް ބަޔަކު މަރާވެސްލާފައިވެއެވެ.

ތިނަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތިނަދޫއާ މެދު ކަންތައް ކޮށްފައިވަނީ އެއްވެސް ސަރުކާރަކުން ރައްޔިތުންނާ މެދު ކަންކުރަން ވާނެ ގޮތަކަށް ނޫން ކަމަށެވެ. މިއަދުވެސް އެކަމަށް މާފަށް އެދެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުގެ ވެރިއެއްގެ ހައިސއްޔަތުން އަޅުގަނޑު އެކަމަށް މާފަށް އެދެން. ތިނަދޫގެ ރައްޔިތުންނަކީ މިކަމުގައި އަނިޔާ ލިބުނު ރައްޔިތުން" އެފަދަ އަނިޔާވެރިކަމެއް ރާއްޖޭގެ ތާރީހުގައި ހިނގާކަށް އެކަކުވެސް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ، މި ސަރުކާރުން އުފެއްދި އިންތިގާލީ އޮފީހުން ދަނީ ބަލަމުންނެވެ.

ނާސިރު ތިނަދޫއަށް އަރާވަޑައިގަންނަވަނީ

އެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ގާދީމީ އަތޮޅެއްގެ ގޮތުގައި އޮންނަ ތިނަދޫގެ ތާރީހަށް އަލިއަޅުއްވާލައްވާފައެވެ. ވިދާޅުވީ ތިނަދޫ އަކީ އާދަޔާ ހިލާފު ރަށެއް ކަމަށެވެ. އެއަށް ފަހު ރައީސް ވަނީ ތިނަދޫ އަކީ "ހަވަރު ތިނަދޫ"ގެ ނަމުން މަޝްހޫރުވި ރަށެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ތިނަދޫ އަށް ހަވަރު ތިނަދޫ ކިޔުނީ ރާއްޖޭގެ ރަސްކަމުގެ ލަޝްކަރުތައް ކަމަށްވާ ދޮށިމޭނާވަރާއި ވެލާނާވަރާއި ހަކުރާވަރާއި މާފަތްވަރާއި ދަހަރާވަރާއި ފާމުލަދޭރިވަރަށް ނިސްބަތް ކޮށެވެ. އައްސުލްތޯނު ގާޒީ މުހައްމަތު ތަކުރުފާނުގެ ރަސްކަމުން ފެށިގެން ތިނަދޫ އޮތީ ހަވަރުގެ ބެލުމުގެ ދަށުގައެވެ.

ތިނަދޫގެ ނަމުން "ހަވަރު" ކަނޑައިލެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1979 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ.