އައިއޯއައިޖީއޭ ބުނުމުން ރާއްޖޭގެ ގިނަބައެއްގެ ހަނދާންތައް ގެންގޮސް މަޑުކޮށްލާނީ 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ހޯދި ކާމިޔާބީއަށެވެ. އެފަހަރުގެ މުޅި ޓީޓީ ގެ ވުމެން ކެޓަގަރީ އެކީ އެކަށް ޑޮމިނޭޓް ކުރީ ރާއްޖޭގެ ތަރިންނެވެ. އެ ގޭމްސްއަށްފަހު ރާއްޖެއަށް މެޑަލް ހޯދުމަކީ މާ އުނދަގޫ ކަމެއް ނޫންކަން ދިވެހިން ގަބޫލުކުރަން ފެށި މިންވަރުވެސް އިތުރުވިއެވެ.

އެފަހަރުގެ އައިއޯއައިޖީ ރާއްޖެއިން ނިންމާލީ އަމާޒު ކަނޑައަޅައިގެން ދިޔަ 15 މެޑަލާއެކުއެވެ. ޓީޓީއިން ހޯދި ތިން ރަން މެޑަލާއި، އިތުރު ދެ ރިހި މެޑަލް ވެސް ހިމަނައިގެންނެވެ. ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ އަދި މުއީނާ މުހައްމަދުގެ އިތުރުން ފާތިމަތު ޖުމާނާ ނިމާލްގެ ހުނަރުވެރި ކުޅުމާއެކު ގޭމްސްގެ ބައިވެރިން ވެސް ތިބީ ހައިރާންވެފައެވެ. އެ ކުޅުންތެރިންގެ އެފަހަރު ދެއްކި ހިތްވަރުން ރާއްޖެއަށް ލިބުނު އުންމީދާއެކު މިފަހަރުގެ ގޭމްސްއަށް މާކުރިން ވެސް އޮތީ ހާސިލް ކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިފައެވެ.

އެގޮތުން އޭރު އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެއްޓަރީއަކަށް ހުރި އަހުމަދު މަރްޒޫގް (މަރޭ) އެފަހަރުގެ ގޭމްސް ނިންމާލަމުން ވަނީ މިފަހަރުގެ އައިއޯއައިޖީއަށް މަދުވެގެން 21 މެޑަލް ހޯދޭނެކަމަށް ހިސާބު ޖަހައި އެކަން ކުރެވޭނެ ފެންވަރު ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުރިކަމަށް ބުނެފައެވެ. އޭގެ ހަތަރު އަހަރު ފަހުން މިއަދު އައިއޯއައިޖީގެ ހަތަރުވަނަ ދުވަސް ނިންމާލީ 18 މެޑަލާއެކުއެވެ. ބާކީ އަދި މެޑަލް ހޯދޭނެ އެތައް ގޭމްސްއެއް ހުރި އިރު، ރާއްޖެއިން މިފަހަރުގެ މެޑަލްތައް ހޯދުމުގައި އެންމެ ބޮޑު ތަފާތެއް ފެންނަނީ ކުޅުންތެރިންގެ އިތުބާރެވެ.

މެޗުތައް ކުޅެލާ ގޮތް ހަމަގައިމުވެސް ކުރިޔާ ތަފާތެވެ. ކުރިއަށްވުރެން ކުޅުންތެރިންގެ އިތުބާރާއި ހުނަރުވެސް މާބޮޑުތަނުން އިތުރުކަން ފާހަގަކުރެވެއެވެ. އަދި ގޭމުތައް ގޮސް ނިންމާލަނީ ވެސް މާ އުނދަގުލަކާ ނުލައެވެ. ހަމަގައިމުވެސް މިވީ ހަތަރު އަހަރުގެ ތެރޭގައި މިހާ ބޮޑު ކުރިއެރުމެއް ރާއްޖެއިން މި ހޯދީ އިއްތިފާގަކުން ނޫނެވެ. އޭގެ ފަހަތުގައި ރަނގަޅު ފައުންޑޭޝަނެއް މި ކުޅިވަރުތަކާއި، އެތުލީޓުންނަށް ބިނާވެފައި އޮތުން އެއީ މިފަހަރުގެ ގޭމްސްއަށް ރާއްޖެއިން މިހާބޮޑު އުންމީދެއް ކުރި އެއް ސަބަބެވެ.

ކުރިން ދުވަހަކުވެސް މެޑަލް ނުލިބޭ ކުޅިވަރުތަކުން މިފަހަރު މެޑަލްތައް ހޯދަމުން އަންނަ އިރު، ގައުމީ ގިނަ ރެކޯޑުތަކެއް ވެސް ވަނީ މިފަހަރުގެ ގޭމްސްގައި އައުކޮށްފައެވެ.

މިހާތަނަށް ރާއްޖެއަށް ލިބުނު މެޑަލްތައް:

ޓޭބަލް ޓެނިސް: 3 ރަން މެޑަލް، 2 ރިހި މެޑަލް، 1 ލޯ މެޑަލް

ޓައެކްވޮންޑޯ: 2 ރިހި މެޑަލް، 3 ލޯ މެޑަލް

ބާސްކެޓްބޯލް: 2 ލޯ މެޑަލް

ބެޑްމިންޓަން: 2 ރިހި މެޑަލް

ޕެރަ އެތުލެޓިކްސް: 2 ލޯ މެޑަލް

އެތުލެޓިކްސް: 1 ލޯ މެޑަލް