މަޑަގަސްކަރުގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީ ޑަބަލް އިވެންޓްގައި މިފަހަރު ވެސް ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމްގެ ޕެއާއިން ރަން މެޑަލް ހޯދައިފި އެވެ.

ރޭ ކުޅުނު ފައިނަލްސްގައި މޮރިޝަސް ބަލިކޮށް ރަފާއާއި ދީމާގެ ޕެއާއިން ވިދިވިދިގެން ދެވަނަ އައިއޯއައިޖީގެ ޑަބަލްސް ބައިން ރަން މެޑަލް ހޯދި އިރު، މިއީ މިފަހަރުގެ ޓީޓީގެ ތިންވަނަ ރަން މެޑަލެވެ. ރާއްޖެއިން ވަނީ އަންހެން ޓީމް އިވެންޓުންނާއި، މިކްސް ޑަބަލްސްގެ ރަން މެޑަލް ވެސް ހޯދައިފައެވެ. އަދި އެހެންމެ މިކްސް ޑަބަލްސްގެ އިތުރުން ބްރޯންޒް މެޑަލްއަކާއި، ފިރިހެން ޓީމް އިވެންޓުގެ ރިހި މެޑަލެއްގެ އިތުރުން ފިރިހެން ޑަބަލްސްގެ ރިހި މެޑަލް ވެސް ހޯދާފައިވަނީ ރާއްޖޭގެ އެތުލީޓުންނެވެ.

ރޭ ހޯދި މެޑަލްތަކާއެކު މިފަހަރުގެ އައިއޯއައިޖީގައި މިހާތަނަށް ހޯދުނު މެޑަލްގެ އަދަދު ވަނީ 18 އަށް އަރައިފައެވެ. އެންމެ ފަހުން 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް ލިބުނީ 15 މެޑަލްއެވެ. އެއާއެކު މިފަހަރުގެ އަމާޒުވަނީ 21 އަށް ވުރެން މަތިކޮށްފައެވެ.

ރޭ ކުޅުނު ފައިނަލު މެޗު ރަފާ އާއި ދީމާއާ ދެކޮޅަށް ނުކުތީ މޮރިޝަސްގެ އުންމުހާނީ ހޮސެނެލީ އާއި ނަންދޭޝްވަރީ ޖާލިމްގެ ޕެއާ އެވެ. އެ ޕެއާ އާ ދެކޮޅަށް ކުޅުނު މެޗު ދީމާ އާއި ރަފާގެ ޕެއާއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ތިން ސެޓް ވެސް ގެންދިޔައީ ފަސޭހަ ކަމާ އެކު އެވެ. އެއީ 11-8، 11-8 އަދި 11-6 ންނެވެ.

މީގެ އިތުރުން ރޭ ފިރިހެން ފައިނަލުގައި ރާއްޖޭގެ މޫސާ މުންސިފާއި މުހައްމަދު ޝައްފާން ބަލިވީ މަޑަގަސްކަރައިގެ ނަޓިވެލް ޖޮނަތަން އާއި ރަންޑްރިއަންޓޮންޑްރޯ މަހޭފާގެ ޕެއާ އަތުންނެވެ. އެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 11-9، 11-8، 11-4 ންނެވެ.

މި ގޭމްސްގައި ޓީޓީގައި ބާކީ ދެން އޮތީ ސިންގަލްސް އިވެންޓެވެ. އެންމެ ފަހުން 2019 ވަނަ އަހަރު އެބައިން ރަން މެޑަލް ހޯދީ ރާއްޖޭގެ ދީމާއެވެ.