ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލު ހުރި ގޮތުން ރާއްޖެ އިން ބޭރަށް ބޭސްފަރުވާ ކުރަން ދިއުމުގެ ހުއްދަ ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ގެންދާ އަދީވު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ކަރެކްޝަންސްގެ ހުއްދައާ އެކު މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

ބޭސް ފަރުވާއަށް ސިންގަޕޫރަށް ދިޔުމުގެ ހުއްދަ އަދީބަށް ކަރެކްޝަނުން ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކުއެވެ.

އެހެންނަމަވެސް ހަދަން ޖެހޭ ޓެސްޓުތައް ނުނިމޭތީވެ ބޭރުގައި ހުނަން ޖެހޭ މުއްދަތު މިދިޔަ މަހު ވަނީ އަދީބަށް އިތުރު ކޮށްދީފައެވެ. މުއްދަތު އިތުރުކޮށްފައި ވަނީ މި މަހުގެ 28 އާ ހަަމައަށެވެ. އެހެންކަމުން އިއްޔެ އަކީ އެ މުއްދަތު ހަމަވާ ދުވަހެވެ.

މިހާރު އެ މުއްދަތު އަންނަ މަހުގެ 15ވަނަ ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އަދީބު ވަނީ އެމްއެމްޕީއާރްސީ މައްސަލާގައި ދައުލަތަށް އޭނާގެ ފަރާތުން އެއްބާރުލުން ދެމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

އަދި ވިދާޅުވީ މީގެކުރިން ކުރެވުނު ކުށްތަކަށް ތައުބާވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އޭނާ އަށް މީގެކުރިން ކުރެވުނު ކުށްތަކަށް ދިވެހި ރައްޔިތުންގެ އަރިހުން މައާފަށް އެދިލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އަދީބު ވިދާޅުވީ ޖަލުގައި ހޭދަ ކުރި ދުވަސްތަކުގައި ވެސް އޭނާ އަށް ކުރެވުނު ކަންކަމާއި މެދު ހިތާމަ ކުރެއްވި ކަމަށެވެ."އަޅުގަނޑު ޖަލުގައި އޮތް އިރުވެސް މިކަމާ ހިތާމަ ކުރަން. އަޅުގަނޑު ވަނީ ޖަލުގައި އޮތް އިރު މިކަމަށް ތައުބާވެ، މިކަމާ ހިތާމަކޮށް ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށް އެދެން،" އަދީބު ވިދާޅުވިއެވެ.

މިއީ މި މައްސަލާގައި އަދީބު ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިލެއްވި ފުރަތަމަ ފަހަރެވެ.