ކުރީ ސަރުކާރުގެ ފަސް އަހަރާއި އަޅައި ބަލާއިރު މިހާރު ހިނގަމުންދާ ފަސް އަހަރުގެ ތެރޭގައި ކުށުގެ މައްސަލަތަކުގެ އަދަދު ބޮޑު ތަނުން ދަށްވެފައިވާ ކަމަށާއި އެކަން އެހެންވީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ ތަރައްގީއަށްޓަކައި އަމާޒު ހިފުމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގެ ތެރެއިން ލ. މާވާށުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ފަސް އަހަރާއި އަޅާބަލާއިރު މި ސަރުކާރުން ރާއްޖޭގެ ހަމަޖެހުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އޭރު ސަރުކާރާ ހިޔާލު ތަފާތުވި ސިޔާސީ ފަރާތްތައް ޖަލަށްލައި ހިޔާލުފާޅުކުރުމުން މިނިވަންކަމަށް ހުރަސްއެޅި ކަމުގައި ވިޔަސް މި ސަރުކާރުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޝުއޫރު ފާޅުކުރުމުގެ މިނިވަން އޮތީ ހުޅުވިފައި ކަމަށް ވިދާޅުވިއެވެ.

އެއަށް ފަހު ރައީސް ވިދާޅުވީ ސަރުކާރަށް ކުރެވުނު މަސައްކަތުން މި ފަސް އަހަރު ވެގެންދަނީ މި ފަހުގެ ތާރިހުގައި އެންމެ އަމާން ފަސް އަހަރުގެ ގޮތުގައިކަން ފާހަގަކުރައްވާފައެވެ.

އެއަށް ފަހު ފުލުހުންގެ ތަފާސް ހިސާބުތައް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

އެގޮތުން 2013 އިން 2018 އާ ދެމެދު މާރާމާރީގެ 5602 މައްސަލައެއް ފުލުހަށް ރިޕޯޓްކުރެވި ތަހުގީގުކުރަން ޖެހުނެވެ. ނަމަވެސް މި ފަސް އަހަރު ފުލުހަށް ހުށަހެޅުނީ މާރާމާރީގެ 2700 މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެވެސް ކަންތައްތަކެއް ބަދަލުކުރެވިއްޖެކަން އެބަ އެނގޭ" ރައީސް ވިދާޅުވިއެވެ.

ކުރީ ދައުރުގައި ފޭރުމުގެ 3810 މައްސަލަ ރިޕޯޓްކުރެވިފައިވާއިރު މި ފަސް އަހަރު ރިޕޯޓްކުރެވުނީ 1700 މައްސަލައެވެ.

ރައީސް ވިދާޅުވި ގޮތުންނަމަ އެންމެ ބޮޑަށް މަދުކުރެވުނީ ވައްކަމުގެ މައްސަލައެވެ.

އެގޮތުން 2013 އިން 2018 އަށް ވައްކަމުގެ 26،107 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު މި ފަސް އަހަރު ތެރޭގައި ރިޕޯޓް ކުރެވުނީ ވައްކަމުގެ 1800 މައްސަލައެވެ.

ރައީސް ވިދާޅުވީ އެކަން ކުރެވުނީ ސިޔާސީ ހަލަބޮލިކަމަށްވުރެ ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

"ރައްޔިތުން ދެކޭ ހެޔޮ ބަދަލާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުނީ އެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ އަޅުގަނޑުމެންގެ އަމާޒު، ފޯކަސް އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަޅުގަނޑުމެން ނިންމީތީވެ" ރައީސް ވިދާޅުވިއެވެ.