ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި ދެއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެއްޖެއެވެ.

ގއ. ވިލިނގިލީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ހުވަދު އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. ހާއްސަކޮށް ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާ ކުރުމަށް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުން މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވިލިނގިއްޔާ ގއ. ކޫއްޑޫގައި އޮތް އެއާޕޯޓު ބްރިޖަކުން ގުޅާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ވައުދެކެވެ. އެހެންނަމަވެސް މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކޫއްޑޫ އެއާޕޯޓު ބަދަލު ކުރާނީ ޓްރެއިނިން އެއާޕޯޓަކަށް ކަމަށެވެ.

"ވިލިނގިލީގައި އަޅުގަނޑުމެންގެ ވިސްނުމުގައި މި އޮތީ މިތާ ކައިރީގައި މި އޮތް ފަޅު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އިންޓަނޭޝަނަލް އެއާޕޯޓާއެކު ފަތުރުވެރިކަން ވެސް ފުޅާ ކުރައްވާނެ ކަމަށާއި އެއާއެކު އެ ސަރަހައްދަށް 10،000 އެނދު އިތުރުވެގެން ދާނެ ކަމަށެވެ.

"މީގެ މާޒީއަށް ދާއިރުގައި ރައީސް ޔާމީންވެސް މި ތަސައްވަރު ކުރައްވާ، މި ވައުދު ތިބޭފުޅުންނަށް ވަނީ ވެވަޑައިގެންފައި، އެކަން ކުރެވޭނެ ގޮތްވެސް ކަނޑައެޅުއްވި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ވިލިނގިލީގައި އެއާޕޯޓެއް ތަރައްގީ ކުރެވޭނީ އެ ރަށުގެ ބިން އިތުރު ކޮށްގެން ކަމަށެވެ. އެކަމަށްޓަކައި އެރަށުގެ ބިން ހިއްކަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މުއިއްޒު ވަނީ އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވިލިނގިލީ ރައްޔިތުންނަށް ދެއްވައިފައެވެ.