25،000 މީހުން އާބާދީއަށް އުޅޭވޭނެހެން ލ. ގަން ތަރައްގީ ކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް ލ. ގަމަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށެވެ. އެ ބަދަލު ގެނައުމަށް އެންމެ އިސްކަމެއް ދޭނީ އިގްތިސާދު ރަނގަޅު ކުރުމަށް ކަމަށެވެ.
އެގޮތުން އިގްތިސާދުގެ އެކި ކަންތައްތަކުގައި ރައްޔިތުން ވީހާވެސް ބޮޑަށް ބައިވެރިވެވޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަކީ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ރަނގަޅަށް ބޭނުން ކުރެވޭ ގޮތަށް ސިޔާސަތު ބައްޓަން ކުރުމަށް އިސްކަމެއް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ލ. އަތޮޅަކީ ފައިދާހުރި ގިނަ މަސައްކަތް ކުރެވޭނެ އަތޮޅެއް ކަމަށެވެ. މި ފަސް އަހަރުގެ ތެރޭގައިވެސް އަމާޒު ހިފީ ލ. އަތޮޅު ތަފާތު ބޮޑުކޮށް ތަރައްގީ ކުރުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ގަމާއި ފޮނަދޫއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމާއި ކެންސަރު ހޮސްޕިޓަލްގެ އިތުރުން ގަން އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށްށް ބަދަލުކުރުމުގެ މަޝްރޫއު ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ބައެއް މަސައްކަތްތައް ފެށުން ލަސްވީ ކޮވިޑުގެ ވަބާއާއެކު ސަރުކާރުގެ ވިސްނުން އެހެން ކަންކަމަށް ބަދަލުކުރަން ޖެހުމުން ކަމަށާއި ނަމަވެސް ލ. އަތޮޅަށް ސަރުކާރުން ރާވާފައިވާ ޕްލޭނަށް އެއްވެސް ބަދަލެއް ނައަންނަ ކަމަށެވެ.
އެ ޕްލޭނަކީ ގަން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ. ރައީސް ވިދާޅުވި ގޮތުން ނަމަ އެމަނިކުފާނުގެ ތަސައްވަރަކީ ގަމަކީ 25،000 މީހުންގެ އާބާދީއަކަށް ދިރިއުޅެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި 25،000 މީހުންގެ އާބަދީއަކަށް މިތަން (ގަން) ބަދަލުކުރުން" ސަރުކާރުން ގަމުގައި ރާވާފައިވާ ޕްލޭން ހިއްސާކުރައްވަމުން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ކުރުމަށް ހައުސިން އާއި ސިއްހީ ހިދުމަތާއި ތައުލީމާއި ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށެވެ.
" ފަންސަވީސް ހާސް މީހުންގެ އާބަދީއެއް މިތަނަށް އުޅެން އަޅުގަނޑުމެން ނިންމާއިރުގައި ބޯހިޔާވަހިކަން އެއީ އެންމެ މުހިއްމު ކަންތައް." އެމަނިކުފާނު ވިދާޅުވީ މަޖުބޫރުން މީހުން ބަދަލުކުރުން ވިސްނުމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ މީހުން ޝައުގުވެރިވާ ފަދަ ކަންތައްތައް ތަރައްގީ ކުރުން ކަމަށެވެ.
ގަން ތަރައްގީ ކުރުމުގެ ފުރަތަމަ ފޭސް ދަށުން އަންނަ އަހަރު އަމާޒު ހިފާފައިވަނީ 1000 ހައުސިން ޔުނިޓް އެޅުން ކަމަށާއި ޖުމްލަ 5000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ސްކީމަށް ގަމުގެ ރައްޔިތުންގެ އިތުރުން އެ ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށްވެސް ކުރިމަތިލެވޭނެއެވެ.
އެ ރަށުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު ކުރު މުއްދަތެއްގެ ތެރޭގައި ކެންސަރު ހޮސްޕިޓަލް ޓެންޑަރިންއަށް ލެވޭނެ ކަމަށް ވިދާޅުވިއެވެ. ގަން އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އޮތީ މިހާރު ފަށައިގަންނަ ހިސާބުގައި ކަމަށް ވިދާޅުވިއެވެ.