ޕީޕީއެމް/ޕީއެންސީ އަށް ރައްޔިތުން އޮޅުވާލުން ނޫން ގޮތަކަށް ކަމެއް ނުކުރާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެއެވެ.

މިއަދު އިސްދޫގެ އެމްޑީޕީ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ އޮޅުވާލާ އޮޅުވާލުންތަކުގެ މިސާލެއްގެ ގޮތުގައި ރައީސް ޖެއްސެވީ ކޮވިޑް-19 ވެކްސިން ރާއްޖެގައި ދޭން ފެށުމުން އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން ކުރި މަސައްކަތެވެ.

އެ ވާހަކަތަކުގެ ހަނދާން އާ ކުރައްވަމުން ރައީސް ވިދާޅުވީ އޭރު އިދިކޮޅުން ރައްޔިތުންނަށް ބާރު އަޅަމުން ދިޔައީ ވެކްސިން ނުޖެހުމަށް ކަމަށެވެ. އަދި ވެކްސިންގެ ސަބަބުން ވާނީ ގެއްލުން ކަމަށްވެސް އެ ފަރާތްތަކުން ބުނަމުން ދިޔަ ކަމަށާއި އެކަމަށް ހުރަސް އެޅި ކަމަށެވެ. އެކަމަކު ހަމަ އެހެން ވިދާޅުވި ބޭފުޅުންވެސް "ސިއްރުން" ވެކްސިން ޖެއްސެވި ކަމަށް ރައީސް ވިދާޅުވިއެވެ.

" އެ ބޭފުޅުންވެސް ސިއްރުން އަޅުގަނޑުމެންގެ މިނިސްޓްރީ މީހުންނާ ގުޅައިގެން އައިސް އެންމެންވެސް އެ ތިބީ ވެކްސިން ޖަހައިގެންނޭ އެ ދުވަހު. ހަމަ އެންމެން ޖަހައިގެން... ހެލްތް މިނިސްޓަރަށް ވަކިން އެބަގުޅުއްވައޭ، ތިމަންނަ ބޭނުމޭ ވެކްސިން ޖަހަން އެކަމަކު މީހުންނަށް ނުފެންނަ ގޮތަށޭ އެކަން ކޮށްލަން ބޭނުމީ، ތިމަންނަމެންނަކަށް ނެތޭ އާންމުކޮށް އެކަން ކުރެވޭކަށް" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް، އިސްދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން | ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުން އެކަމުންވެސް ދޭހަވަނީ ޕީޕީއެމްގެ ދޯހަޅި ސިޔާސަތު ކަމަށާއި ކުރިއަތް އޮތްތަނުގައިވެސް އެކަން އޮންނާނީ އެހެން ކަމަށެވެ.

"އޮޅުވާލުމެއްގެ ތެރޭގައި ނޫނިއްޔާ އެއްވެސް ކަމެއް ކުރާކަށް އެ ބޭފުޅުންނަށް އެނގިވަޑައެއް ނުގަންނަވާނެ. އަޅުގަނޑުމެން ކަންކުރަމުން މިގެންދަނީ ތިބޭފުޅުންގެ ކުރިމަތީގައި ވައުދުވެފައި، އަދިވަމުންދާ ގޮތް ހާމަކުރަމުން" މި ސަރުކާރުން އެއްވެސް ކަމެއް ފޮރުވާފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

އިސްދޫކަލައިދޫއަށް ރައީސްގެ ވައުދުތައް:

  • ހައުސިން ޕްރޮޖެކްޓެއް
  • ސިޓީ ހޮޓަލެއް
  • ބޮޑު މަގުތަކުގައި ތާރުއެޅުން
  • އާޓިފިޝަލް ބީޗެއް
  • ވޮލީ ކޯޓަކާއި އިންޑޯ ބެޑްމިންޓަން ކޯޓެއް
  • ސިއްހީ މަރުކަޒު ތަރައްގީކުރުން