އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި، އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފިޔަވާ އެހެން ހުރިހާ ކެންޑިޑޭޓުން ސޮއިކޮށްފިއެވެ.
އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، ލިސްޓުތަކުގައި، ރޭގެ 10:00 އާ ހަމަޔަށް ރިޔާސީ ކެންޑިޑޭޓުން ސޮއިކޮށް ނިމިފައިވާ ކަމަށެވެ.
ހަބީބް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއިކޮށްފައިވާ ކަމަށެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ދަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓުން ފިޔަވައި، އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ހުރިހާ ލިސްޓެއްގެ ސައްހަކަން ކަށަވަރުކޮށް، ސޮއިކޮށްފައިވާ ކަމަށެވެ.
އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓަކު ވާދަކުރެއެވެ. އެެއީ:
ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު:
1. އުމަރު ނަސީރު (އަމިއްލަ ގޮތުން)
2. ހަސަން ޒަމީލް (އަމިއްލަ ގޮތުން)
3. އިބްރާހިމް މުހައްމަދު ސާލިހު (އެމްޑީޕީ)
4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
5. ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
6. ފާރިސް މައުމޫން (އަމިއްލަ ގޮތުން)
7. އިލްޔާސް ލަބީބު (ޑިމޮކްރެޓްސް)
8. މުހައްމަދު ނާޒިމް (އެމްއެންޕީ)
މި ފަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބޭއިރު 27،000 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މިފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުން ކަމަށް އީސީން ބުނެފައިވެއެވެ.
އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާއިރު އޭގެ ތެރެއިން 142 ފޮށި ބަހައްޓަނީ މާލެގައެވެ. ހުޅުމާލޭގައި 27 ވޯޓު ފޮށި، ވިލިމާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ. އަތޮޅު ތެރޭގައި ބަހައްޓަނީ 319 ވޯޓު ފޮއްޓެވެ. ރިސޯޓު ތަކުގައި 65 ވޯޓު ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ސިނާއި ސަރަހައްދު ތަކުގައި އެއް ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި އަށްވޯޓު ފޮށި ބަހައްޓާނެއެވެ.
ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓަނީ އިންޑިއާގެ ޓްރިވަންޑްރަމް، އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ، އިނގިރޭސިވިލާތުގެ ލަންޑަން އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރްގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައެވެ.