މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންނަށް ގޯތި ލިބޭ ތަންތަނުގެ ރަޖިސްޓްރީ ހަވާލު ކުރަން މިއަދު ފަށައިފިއެވެ. މިއާއެކު ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ގޯތީ ކެނޑުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނެފައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކާ ގޯތި ޙަވާލުކުރުން މިއަދުން ފެށިގެން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ދާނެ ކަމަށެވެ.

ގޯއްޗާ ޙަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތްތަކުން ހާޒިރުވާނެ ދުވަހާއި ގަޑި އެ މިނިސްޓްރީގެ ފަރާތުން އަންގަމުން ގެންދާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހުޅުމާލެ އިން ގޯތި ލިބުނު މީހަކަށް ގޯތި ކަނޑާފައި ދިނުމުން އޭނާގެ ގޯތި ކައިރީގައި ހުއްޓިލައިގެން: ހަތާވީސް ފޮޓޯ | އާދަމް ނަޒީރު

ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތަކުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަނުކުރާނަމަ "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ ޕަވަރ އޮފް އެޓާނީ ފުރިހަމަ ކުރުމަށްފަހު ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާއި ހަވާލުކުރަން ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ ފަރާތްތަކުން ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ސޮއި ކުރަން އަންނަ ފަރާތެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަރ އޮފް އެޓާނީގެ އަސްލާއި، އައި.ޑީ ކާޑުގެ ކޮޕީ ހިފައިގެން ހާޒިރުވުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ.

ހުޅުމާލެ އިން މިއަދު ގޯތި ކަނޑާފައި ވަނީ ވިނަރެސް ފްލެޓުގެ ބިތްދޮށުގައި އޮތް ބިމުންނެވެ. އެއީ ޖުމްލަ 12،000 އަކަފޫޓުގެ 13 ގޯއްޗެވެ.

ހުޅުމާލެ އިން ގޯތި ކަނޑަނީ: ހަތާވީސް ފޮޓޯ | އާދަމް ނަޒީރު

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ހުޅުމާލޭގެ އިތުރުން ގުޅިފަޅާއި ގިރާވަރު ފަޅުން ވެސް ގޯތި ކެންޑެމުން ދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ރަށްތަކުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ވެސް ހަވާލު ކުރެވެމުން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީން ދޫކުރާ ގޯތީގެ ރަޖިސްޓްރީ އަކީ އެކަމުގައި އެއްވެސް ސުވާލެއް އުފެދޭނެ ރަޖިސްޓްރީއެއް ނޫން ކަމަށާއި އެއީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެއް ކަމަށެވެ.