ޕީއެންސީގެ ރިޔާސީ ޓިކެޓް، ޑރ މުހައްމަދު މުއިއްޒު ހޯއްދެެވި އޮޅުވާލުމެއްގެ ތެރެއިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ މިއަދު ތ. ވިލިފުށީގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ރަށުގެ އެމްޑީޕީ ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ރައީސް ވަނީ އޮޅުވާލައިގެން ޓިކެޓް ހޯދި މީހަކަށް ވެރިކަން ލިބިއްޖެއްޔާ ދެން ވެރިކަން ކުރާނީ ކިހިނެއްތޯ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

"މިތަނުން އެބަ ފެނޭހެއްޔޭ ކުލަ. ނެތެއްނޫންހެ ފެންނާކަށް ނެތެއް ނޫންހޭ ފެންނާނަކަށް. ދިދައެއްވެސް އެއްޗެއް ނެތޭ އެ ކުރިމަތިލައްވައިގެން އުޅޭ ޕާޓީގެ. އޮޅުމެއްގެ ތެރޭގައި ހޯދައިގެން އުޅޭ ޓިކެޓެކޭ" ރައީސް ވިދާޅުވިއެވެ.

ތ. ވިލިފުއްޓަށް ރައީސް ސޯލިހު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: ފޮޓޯ | އެމްޑީޕީ

އެއަށް ފަހު ނަން ނުގެންނަވައި ރައީސް ފާހަގަކުރެއްވީ ޕީއެންސީގެ ޓިކެޓުގެ މައްސަލާގައި ހިތްހަމަ ޖެހިވަޑައިނުގެން އެ ޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ދެއްކެވި ވާހަކަތަކަށެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވުމުން، އެ ޕާޓީގެ ތެރެއިން ރިޔާސީ ޓިކެޓު ހޯއްދެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރީގެ ރައީސް ހުރީ ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެން އެކަމަކު އޭގެ ތެރެއަށް އެހެން ބަޔަކު ވަދެ މުޅިން ނުދަންނަ ކުޑަކުޑަ ޕާޓީއަކުން ނިކުމެ ޓިކެޓް އޮޅުވާލައިގެން ދެއްކި ވާހަކަ ވަރަށް ތަފްސީލުކޮށް ފޯރީގައި ޖޯޝާއެކު ވާހަކަ ދެއްކި" ވަހީދު ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވާ ރައީސް ވިދަޅުވިއެވެ. އެހެންވެ އެމަނިކުފާނު ސަޕޯޓަރުންނަށް އިލްތިމާސް ކުރެއްވީ އެކަމާއި މެދު ފުންކޮށް ވިސްނުމަށެވެ.