އަންނަ މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގައުމީ ޔުނިވާސިޓީ އަދި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ކުރިޔަށް ގެންދާ "ރިޔާސީ ބަހުސް"ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސްގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ބަހުސް އޮންނާނީ އެރޭގެ 21:00ގައި ކަމަށް ޕީއެސްއެމް އިން ބުންޏެވެ. ޕީއެސްއެމްގެ ޗެނަލްތަކުން އެ ބަހުސްގެ އިޝްތިހާރު މިހާރު އަންނަނީ ދައްކަމުންނެވެ.
މި ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަތޯ މީގެކުރިން ނޫސްވެރިން ސުވާލު ކުރުމުން މާރިޔާ ވަނީ ރަށްރަށަށް ކުރައްވާ ދަތުރުފުޅަށްފަހު ވަގުތު ވެއްޖެ ނަމަ އެ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ނަމަވެސް އެ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން މިއަދު މާރިޔާ ވަނީ ރައީސްގެ ފަރާތްޕުޅުން ދެއްވައިފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަކީ 2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ އިންތިހާބެވެ. އެގޮތުން މިއަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަ ކުރެއެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތަރުތީބުން:
1. އުމަރު ނަސީރު (އަމިއްލަ ގޮތުން)
2. ހަސަން ޒަމީލް (އަމިއްލަ ގޮތުން)
3. އިބްރާހިމް މުހައްމަދު ސާލިހު (އެމްޑީޕީ)
4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
5. ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
6. ފާރިސް މައުމޫން (އަމިއްލަ ގޮތުން)
7. އިލްޔާސް ލަބީބު (ޑިމޮކްރެޓްސް)
8. ކާނަލް ރޓ މުހައްމަދު ނާޒިމް (އެމްއެންޕީ)