މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންނަށް ގޯތީގެ ރަޖިސްޓްރީ މިއަދު ހަވާލު ކުރުން އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކާ ގޯތި ޙަވާލުކުރުން މިއަދުން ފެށިގެން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ކަމަށެވެ.
ގޯއްޗާ ޙަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތްތަކުން ހާޒިރުވާނެ ދުވަހާއި ގަޑި އެ މިނިސްޓްރީގެ ފަރާތުން އަންގަމުން ގެންދާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތަކުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަނުކުރާނަމަ "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ ޕަވަރ އޮފް އެޓާނީ ފުރިހަމަ ކުރުމަށްފަހު ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާއި ހަވާލުކުރަން ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ ފަރާތްތަކުން ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ސޮއި ކުރަން އަންނަ ފަރާތެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަރ އޮފް އެޓާނީގެ އަސްލާއި، އައި.ޑީ ކާޑުގެ ކޮޕީ ހިފައިގެން ހާޒިރުވުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ.
އެ ސްކީމގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން އިއުލާނު ކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު، މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށެވެ.
ސަރުކާރުން މީގެކުރިން ވަނީ 9،001 ގޯތި މާލެ ސަރަހައްދުން ދޫކުރާނެ ކަމަށް ބުނެފައެވެ. އެ ގޯތިތައް ދޫކުރާނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވައުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމް ކަމަށް ސަރުކާރުން ބުނެއެވެ.