އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފުރަތަމަ ދުވަހު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން މެޑަލްއެއް ކަށަވަރު ކުރި އިރު، އެންމެ ފަހުގެ ޗެމްޕިއަން ރީޔޫނިއަން ބަލިކޮށް ފިރިހެން ޓީމުން ސެމީއިން ޖާގަ ހޯދައިފިއެވެ.

މި ގޭމްސްގެ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ނިކުތީ ސީޝެލްސްއާ ދެކޮޅަށެވެ. މި މެޗުގައި އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި ސީޝެލްސްގެ ލައުރާ ސިނޯންއެވެ. ދީމާ ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ގޭމް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ދެ ސެޓު ކާމިޔާބުކޮށްފައިވަނީ 11-4ގެ ނަތީޖާއަކުންނެވެ. އަދި ފަހު ސެޓު ކާމިޔާބުކުރީ 11-2ގެ ބޮޑު ފަރަގުންނެވެ.

އަންހެން ޓީޓީ ޓީމުން ރިޔޫނިއަން ކައިރިންވެސް މޮޅުވީ ސީދާ ތިން ގޭމުންނެވެ. އެ ގޭމްގައި ދީމާ ކުޅުނު މެޗުގައި 3-0 އިން މޮފްލެޓް މަރިއޮން ބަލިކުރީ 11-3، 11-7 އަދި 11-5 އިން ސެޓުތައް ގެންގޮސްގެންނެވެ. އަދި ދެވަނަ މެޗުގައި ރަފާ ނުކުމެ، މާލެޓް މަޖާ ބަލިކުރީ 11-9، 11-9 އަދި 11-7 ގެ ނަތީޖާއަކުން ސެޓުތައް ގެންގޮސްގެންނެވެ.

ލައިސާ ފަތުހުﷲ ރިޔޫނިއަންގެ އަލްމެރީ ސޮލެނޭ ކައިރިން 3-1 އިން މޮޅުވެ ރާއްޖެއިން ގޭމް ކާމިޔާބުކުރި އިރު، ލައިސާ މެޗުގައި ގެންދިޔަ ސެޓުތައް ގެންދިޔައީ 11-5، 11-5 އަދި 11-5 އިންނެވެ. އަލްމެރީ ގެންދިޔަ ސެޓު ގެންދިޔައީ 11-7 ގެ ނަތީޖާއަކުންނެވެ.

ލީގު އުސޫލުން ޓީޓީ އަންހެން ޓީމުގެ އިވެންޓް ކުރިއަށްދާ އިރު، އިއްޔެ ކުޅުނު ދެމެޗުންވެސް މޮޅުވެގެން ރާއްޖެއަށް ވަނީ މެޑަލްއެއް ކަށަވަރުވެފައެވެ.

މީގެ އިތުރުން އިއްޔެ ކުޅުނު ގްރޫޕް ސްޓޭޖު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް، ޓޭބަލް ޓެނިސް ފިރިހެން ޓީމް ވެސް ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

ފިރިހެން ޓީޓީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މަޑަގަސްކަރަ ކައިރިން 3-0 ގެ ނަތީޖާއަކުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމްގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއީލް ރަންދްރިއަނާޓޯންޑްރޯ މަހެފް ކައިރިން ބަލިވީ 3-2 އިންނެވެ. ދެވަނަ ގޭމްސް އަދި ތިންވަނަ ގޭމްސްވެސް ރާއްޖެއަށް ވަނީ ކުރި ހޯދޭ ގޮތެއް ނުވެ ގެއްލިފައެވެ.

ފިރިހެން ޓީމުން ކުޅުނު މެޗުގައި ޝައްފާން އުފާފާޅުކުރަނީ --- ފޮޓޯ/ އެމްއޯސީ، މުހައްމަދު ޝާބިން

ފިރިހެން ޓީޓީ ޓީމުން ކުޅުނު ދެވަނަ މެޗުގައި ކޮމޮރޮސް ކައިރިން 3-0 ގެ ނަތީޖާއަކުން މޮޅުވި އިރު، ތިންވަނަ މެޗުގައި މޮރިޝަސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ގޭމްސްގައި ފިރިހެން ޓީމަށް މިހާތަނަށް މޮރިޝަސް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އެ މެޗުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޝައްފާން ވަނީ 3-1 އިން ޗަން ޔޫކް ފޯ ބްރައިން އަތުން ބަލިވެފައެވެ. ޝައްފާން މެޗުގައި ގެންދިޔަ ސެޓު 11-8 އިން ގެންދިޔަ ނަމަވެސް ދެން ޖެހިގެން އައި ތިން ސެޓު ގެންދިޔައީ ޗަންއެވެ.

ނަމަވެސް ދެވަނަ މެޗުގައި މުންސިފް ވަޏީ 3-1 ގެ ނަތީޖާއަކުން ޔޮގަރަޖާ އަހިލެން ބަލިކޮށްފައެވެ. އެ މެޗުގައި މުންސިފް ސެޓުތައް ގެންދިޔައީ 11-4، 11-9 އަދި 14-12 އިންނެވެ. ޔޮގަރަޖާ ސެޓު ގެންދިޔައީ 11-9 ގެ ނަތީޖާއަކުންނެވެ. ތިންވަނަ ގޭމްގައި އަހްޔަރް އަހުމަދު ކާލިދު ވަނީ 3-0 ސެޓުން އެސްކޭ ހޮސެން ޒަޔާން ގަޒާލީ ބަލިކޮށްފައެވެ. އޭނާ ސެޓުތައް ގެންދިޔައީ 11-7، 11-8 އަދި 13-11 އިންނެވެ.

މެޗުގެ ހަތަރުވަނަ މެޗަށް ނުކުމެ، ޝައްފާން ވަނީ ޔޮގޮރަޖާ ބަލިކޮށްފައެވެ. ޝައްފާން ސެޓުތައް ގެންދިޔައީ 11-3، 11-9 އަދި 12-10 އިންނެވެ.