މަޑަގަސްކަރުގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ, ގައުމީ ފިރިހެން ބެޑްމިންޓަން ޓީމް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
އައިއޯއައިޖީގެ ގޭމްސްތަކުގައި ރާއްޖެ ވާދަކުރާ ގޭމުތައް ފަށާފައިވަނީ އިއްޔެއެވެ. އެގޮތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުތައް ވެސް އެކި ކުޅިވަރުތަކުން މެޗުތައް ކުޅެފައިވާ އިރު، ބެޑްމިންޓަން ފިރިހެން ޓީމު އޮތީ ސެމީގެ ޖާގައެއް ހޯދައިފައެވެ. ރާއްޖޭގެ ފިރިހެން ޓީމު ސެމީން ފުރުސަތު ހޯދީ ކުޅުނު ދެ މެޗުންވެސް މޮޅުވެގެން އެ ގުރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. ރާއްޖެއާއި އެއް ގުރޫޕެއްގައި އޮތީ ހޯމް ޓީމް، މަޑަގަސްކަރު އަދި ކޮމޮރޯސްއެވެެ.
އެގޮތުން އިއްޔެ ހެނދުނު ފުރަތަމަ މެޗުގައި މަޑަގަސްކަރަ ބަލިކުރީ 4-1ންނެވެ. ބަލިވީ ފުރަތަމަ ޓައިންނެވެ. ފުރަތަމަ ސިންގަލްސްގައި ގައުމީ ޗެމްޕިއަން ހުސައިން ޒަޔާން ޝަހީދު ޒަކީ ބަލިވީ ހޫލިއޯ ރަންޑްރިއަމަލާލާއާ ވާދަކޮށް 3-1 ސެޓުންނެވެ. ފުރަތަމަ ސެޓް 21-18އިން ޒަޔާން ގެންދިޔަނަމަވެސް، ޖެހިގެން އައި ދެ ސެޓް މަޑަގަސްކަރަ ކުޅުންތެރިޔާ ގެންދިޔައެވެ. އެއީ 21-14, 21-16އިންނެވެ.
އެކަމަކު ދެވަނައަށް ކުޅެން ނިކުމެ ނިބާލް އަހުމަދު ވަނީ ސީދާ ދެ ސެޓުން މާރކް ހާޖާ ވޮންޖިނިރީނާ ބަލިކޮށްފައެވެ. އެއީ 21-16, 21-13އިންނެވެ. ތިންވަނަ ޓައިގައި މުހައްމަދު އަޖުފާން ރަޝީދު ވަނީ ރަހަރީ ރަމަނަނާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. އެއީ 21-17, 22-20ންނެވެ.
ފުރަތަމަ ޑަބަލްސްގައި އަޖުފާންއާއި ނިބާލް ނިކުމެ ސީދާ ދެ ސެޓުން ބަލިކުރީ މާރކްއާއި ހޫލިއޯއެވެ. އެއީ 23-21 އަދި 21-15އިންނެވެ. ފަހު ޓައިގައި ޒަޔާންއާއި މުހައްމަދު ތޯއިފް ނިކުމެ ބަލިކުރީ ރިއާނާއާއި ރަހަރީގެ ޕެއަރއެވެ. އެއީ 21-17, 21-16އިންނެވެ.
ފުރަތަމަ މެޗުން ހޯދި މުހިއްމު ކާމިޔާބަށްފަހު މެންދުރު ފަހު ދެވަނަ މެޗުގައި ރާއްޖެއިން ކޮމޮރޯސް ބަލިކުރީ 5-0 ނެވެ.
އެގޮތުން އެ މެޗުގައި ފުރަތަމަ ނިބާލް ކުޅެން ނުކުމެ ކޮރެންޓިން ލެޕޮއިވާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފަސޭހަކަމާއެކު 21-5, 21-3 ނެވެ. އެހެން ނަމަވެސް އެ މެޗުގައި ތޯއިފް ވަނީ ކޮލިން ގަލޮޓް 2-1 ސެޓުން ބަލިކޮށްފައެވެ. ތޯއިފް ސެޓްތައް ގެންދިޔައީ 21-16, 19-21 އަދި 21-7 ނެވެ. އެއަށްފަހު ރިޝްވާން ޝިޔާމް ވަނީ ސީދާ ދެ ސެޓުން ގުއިލާމް ޖޭ ބޯރެލް ބަލިކޮށްފައެވެ. އޭނާ ސެޓްތައް ގެންދިޔައީ 21-3, 21-8 ނެވެ.
ފުރަތަމަ ޑަބަލްސްގައި ޒަޔާންއާއި ނިބާލް ނުކުމެ ކޮލިން ގަލޮޓް އަދި ކޮރެންޓިން ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-8, 21-12 ނެވެ. އަޖުފާންއާއި ތޯއިފް ނުކުމެ ބަލިކުރީ މަތިއު އާއި އެމަނުއެލް އެކްސް ރޮޒާންޑްއެވެ. އެއީ 21-6, 21-9 ނެވެ.
މި ގޭމްސްގެ ސެމީފައިނަލްގައި ފިރިހެން ޓީމް ވާދަކުރާނީ އާދިއްތަ ދުވަހުއެވެ.