އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ނޮޓިންގްހަމް ފޮރެސްޓް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި އިރު، ފުލަމްއާ އެއްވަރުވެ ޕޮއިންޓަކާއެކު އާސެނަލް މެޗު ނިންމާލައިފިއެވެ.
ލީގުގެ ތިންވަނަ މެޗުގައި ރޭ މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ކުޅުނު މެޗުން އެ ޓީމު ފަހަތުން އަރައި ނޮޓިންގްހަމް ފޮރެސްޓުގެ މައްޗަށް ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ޔުނައިޓެޑު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ.
ޔުނައިޓެޑަށް ރޭގެ މެޗު އުނދަގޫވީ މެޗު ފަށައިގެން ހަތަރު މިނަޓުގެ ތެރޭގައި ނޮޓިންގްހަމުން މަތި މައްޗަށް ދެ ގޯލު ޖެހުމުންނެވެ. މެޗު ފަށައިގެން ދެވަނަ މިނަޓުގައި ޓައިވޯ އަވޯނިޔީ ވަނީ ނޮޓިންގްހަމަށް ލިބުނު ކައުންޓާ އެޓޭކުގައި ލީޑު ނަގައިދީފައެވެ. އޭނާ އެ ގޯލު ޖެހީ ޔުނައިޓެޑުގެ ކޯނަރެއް ބުލޮކްކޮށް ނޮޓިންގްހަމްގެ ހާފުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ޔުނައިޓެޑުގެ އޭރިއާތެރެއަށް ވަދެ އެވެ.
ނޮޓިންގްހަމުން ދެވަނަ ގޯލު ޖެހީ ހަތަރުވަނަ މިނަޓުގައެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ބޮލުން ޖަހައި އެ ގޯލު ވައްދާލީ ވިލީ ބޮލީއެވެ. ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފުގެ 17 ވަނަ މިނަޓުގައި ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ގޯލަކީ ކްރިސްޓެން އެރިކްސްނަ ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ކަސެމީރޯގެ ގޯލުން ޔުނައިޓެޑު ވަނީ މެޗުގެ ނަތީގާ ހަމަހަމަކޮށްފައެވެ. އެއަށްފަހު ނޮޓިންގްހަމުން ރަނގަޅަށް ޑިފެންސްކޮށްގެން ކުޅެމުން ދަނިކޮށް އެ ޓީމުގެ ޖޯ ވޮރެލްއަށް ދެއްކި ރަތްކާޑާއެކު އިތުރަށް އުނދަގޫތަކެއް ދިމާވިއެވެ. ޔުނައިޓެޑަށް މެޗުގައި ލީޑު ނަގައިދިނީ ކެޕްޓަން ބުރޫނޯ ފަނަންޑޭސްއެވެ.
ޔުނައިޓެޑުން ލީގުގެ ދެވަނަ މޮޅު ހޯދި އިރު، ކުރީ ދެ މެޗުން މޮޅުވި އާސެނަލް ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެއާއެކު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އެންމެ ފަހުގެ ލީގު ރަނަރަޕް އާސެނަލް އޮތީ ލީގުގެ ތިންވަނައިގައެވެ.
ފުލަމްއިން އެ މެޗު ފަށައިގެން މިނަޓެއް ނުވަނީސް ވަނީ ލީޑު ނަގައިފައެވެ. އާސެނަލްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެ ގޯލު ފުލަމްއަށް ޖަހައިދިނީ އަންޑްރޭސް ޕެރޭރާއެވެ.
ފުލަމްގެ ގޯލަށްފަހު އާސެނަލުން ވަނީ ފުލުފުލުގައި ގިނަ ހަމަލާތައް އުފައްދައިފައެވެ. އެ ޓީމުގެ ފޯވާޑް ކައި ހަވާޓްޒްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލެއް ޖެހޭ ގޮތެއް އެ ހާފުގައި ނުވިއެވެ.
ދެވަނަ ހާފު ފަށައިގެން އާސެނަލުން ގިޔަރެއް ކުރިއަށް ޖައްސާލީ ބަދަލުތަކަކާއެކުއެވެ. ކުރިއަށް ކުޅޭ ބޯޅަތައް އިތުރުކޮށް ރަނގަޅު ހަމަލާތައް އުފައްދަަމުން ދިޔައިރު، ލިބުނު ޕެނަލްޓީއަކުން އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބުކަޔޯ ސަކާއެވެ. އޭގެ އިރަކޮޅެއް ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޑީ ކެޓިއާ ވަނީ އާސެނަލަށް ލީޑު ނަގައިދީފައެވެ.
ފުލަމްއިން އެ ހާފުގައި މާގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު، މެޗު ނިމެންދަނިކޮށް ލިބުނު ކޯނަރަކުން ވަނީ ގޯލެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޖާއޯ ޕަޅީނިއާއެވެ.