"ބަދަލުހިފުމުގެ ރޫހު ދޫކޮށްލާ ބަޔަކަށް ވާން ޖެހޭ" ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ހއ. ކެލާގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ އެ ޖުމްލައެވެ. އޭގެ ފަހުން އެ ވާހަކަ ވަރަށް ގިނައިން ޖަލްސާތަކުގައި ތަކުރާރު ކުރައްވައެވެ.
އެހެން އެ ވިދާޅުވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މި ވަގުތު ސަރުކާރުގައި އޮތް އެމްޑީޕީގެ ސަޕޯޓަރުންނަށް އުފައްދާ އެއް ސުވާލަކީ "މުއިއްޒު ވެރިކަމަށް ހޮވިއްޖެނަމަ ބަދަލު ހިފާފާނެތޯއެވެ؟" ނޫނީ ބަދަލުހިފުމުގެ ރޫހެއްގައި އެމްޑީޕީގެ މެމްބަރުންނަށް އަނިޔާވެރިވެދާނެތޯއެވެ.
އެހެން އެ މީހުން އެ ބުނަނީ މީގެ ކުރިން ކަންކަންވެފައި ހުރި ގޮތުންނެވެ. ސަރުކާރު ބަދަލުވާ ކޮންމެ އިރެއްގައި ބަދަލުހިފުމުގެ ރޫހުއަށަގެންފައި އޮތުމުންނެވެ.
"ހަތާވީސް" އިން ވެސް މުއިއްޒުއާ ހަމަ އެ ސުވާލު ކޮށްލީމެވެ. ވެރިކަމަށް ހޮވިވަޑައިގެންފިނަމަ ބަދަލުހިފުމުގެ ރޫހެއް ގެންގުޅޭނެތޯއެވެ.
"ބަދަލެއް ނުހިފާނަން" މުއިއްޒު ޖަވާބުދެއްވިއެވެ. މީގެ ކުރިން ކަންވެފައި އޮތް ގޮތަށް ބަލާނަމަ ކުރިން ވެރިކަމުގައި ތިބި ސިޔާސީ މީހުންގެ މައްސަލަތައް ބަލަން އަލަށް އުފެދޭ ސަރުކާރުން ކޮމިޝަންތަކެއް އުފައްދައެވެ.
ނަމަވެސް މުއިއްޒު ސިފަކުރި ގޮތުގައި ކޮމިޝަންތައް ހަދައިގެން މައްސަލަތައް ބެލުމަކީ "ސަކަރާތް" އެވެ. "އެކަހަލަ ސަކަރާތެއް ނުޖަހާނަން" ރިޔާސީ ކޮމިޝަންތައް އުފައްދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ދެއްވި ޔަގީންކަމަކީ އިންސާފު ގާއިމު ކުރައްވާނެކަމެވެ. ހުރިހާ ރައްޔިތުންނާ މެދުވެސް ކަންކަން ކުރައްވާނީ ހަމަހަމަކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ކުރެވިގެން ދާނީ ގާނޫނީ ވެރިކަމެއް ކަމަށެވެ. އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަނިޔާވެރިކަމެއް ނުފެންނާނެ. އަޅުގަނޑުގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނުފެންނާނެ،"
"މިގައުމަށް ހަމަޖެހުން އަންނަން އެބަޖެހޭ. އަޅުގަނޑުމެން އެއްބަޔަކު އައިސް އަނެއް ބަޔަކުގެ ކަރުގައި ހިފާ، އެހެނެއް ނޫން.. ގާނޫނީ ވެރިކަމެއް ކުރާނީ. ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ގާނޫނީ ވެރިކަމެއް ކުރާނީ އަދުލުވެރި ވެރިކަމެއް ކުރާނީ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން ބަލަންޖެހޭ މައްސަލަތަކެއް މިނިވަން މުއައްސަސާތަކުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ އަކީ މިނިވަން ތަނަކަށް ހައްދަވާނެ ކަމަށެވެ.