ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒު އަށް ތާއިދުކުރައްވަން ނިންމެވީ މުއިއްޒު ވެވަޑައިގަންނަވަމުންދާ ވައުދުތަކުގެ ސަބަބުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

"އަޅުގަނޑަށް ކިހިނެއްތޯ ގޭގައި އޮވެވޭނީ ޑރ މުހައްމަދު މުއިއްޒު އެކި ރަށްރަށަށް ވަޑައިގެން އިއުލާންކުރައްވާ ކަންތައްތަކުގެ ސަބަބުން އަޅުގަނޑަކަށް ގެއަކު ނޯވެވޭ" މުއިއްޒުގެ ކެމްޕޭނުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވިއެވެ.

އެއަށް ފަހު ޝަހީމް ކިޔައިދެއްވީ އެ ވައުދުތަކެވެ. ޒަކާތު ހައުސްއެއް އުފައްދާނެކަމަށް މުއިއްޒުވެ ވެވަޑައިގެންނެވި ވައުދަށް އިޝާރާތްކުރައްވާ ޝަހީމް ވިދާޅުވީ އެއީ އޭނާ ޕީއެޗްޑީ ތީސސި ލިޔުއްވި ދާއިރާ ކަމަށެވެ.

އެއް ހާސް ފަގީރުން ހައްޖަށް ފޮނުވަން މުއިއްޒުވެ ވަޑައިގެންނެވި ވައުދަށް އިޝާރާތްކުރައްވާ ހައްޖު ކޯޕަރޭޝަން އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ޝަހީމް ވިދާޅުވީ އެ ކޯޕަރޭޝަނަކީ ރާއްޖެއަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައްޖު ކޯޕަރޭޝަން ތަރައްގީ ކުރުމުގެ ބޮޑު ތަސައްވަރެއް އޮތް ކަމަށާއި އެ ތަސައްވަރު އޮތީ މައްކާގައި ދިވެހިންނަށް ހޮޓަލެއް ގާއިމްކުރުމާއި ހަމަޔަށް ކަމަށް ވިދާޅުވިއެވެ.

"ހައްޖު ކޯޕަރޭޝަން ރަނގަޅު ގޮތެއްގައި ތަރައްގީކުރެއްވިޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް 30،000 ރުފިޔާއިން ހައްޖަށްދެވޭނެ މަގު ތަނަވަސްވެގެންދާނެ" ޝަހީމް ވިދާޅުވިއެވެ.

ޒަކާތު ހައުސްގެ ގާއިމްކޮށް ދައުލަތުގެ ބެލުމުގެ ދަށުން ޒަކާތުން ބައެއް އިންވެސްޓު ކުރެވިއްޖެކަމަށްވާނަމަ މިހާރު ފަގީރުންނަށް ދޭ 3000 ރުފިޔާގެ ބަދަލުގައި ފަގިރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އިސްލާމީ މުއައްސަސާތައް ޒަމާނާ އެކީ ތަރައްގީ ކުރެވެން ޖެހޭކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެކަން ކުރެވޭނީ އިލްމީ ޒައާމަތެއް ގާއިމްކޮށްގެން ކަމަށެވެ.