އެމްޑަބްލިޔުއެސްސީގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް، ފޯރުކޮށްދެމުންދާ ފެނުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި އިތުރު އާރްއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ނިންމައި، ފެން އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
މި ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިއަދު އެމްޑަބްލިޔުއެސްސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމްއެވެ.
މާލޭ ސަރަޙައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، ހުޅުމާލޭގައި ބެހެއްޓި އާރްއޯ ޕްލާންޓުން ދުވާލަކު 3,000 ޓަނުގެ ފެން އުފެއްދޭނެއެވެ.
އެއާއެކު، ހުޅުމާލޭގައި ދުވާލަކު ފެން އުފެއްދޭ މިންވަރު ކުރިއާއި އަޅާބަލާއިރު އެތައްގުނަ އިތުރުވެ، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށް ފެން ކުންފުނިން ބުންޏެވެ.
އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާހު ވިދާޅުވެފައިވަނީ، މާލޭ ސަރަހައްދުގައި އިތުރުވަމުންދާ އާބާދީއަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަކީ އެ ކުންފުނީގެ އަމާޒަށްވީއިރު، އެކަން ޔަގީންކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނި ކުރަމުން ކަމަށެވެ.
އެގޮތުން، މާލޭގެ އޮޕަރޭޝަން ސެންޓާ ޑިސެންޓްރަލައިޒްކޮށް، ފެން އުފައްދަމުންދާ މައި އިމާރާތުގެ އިތުރުން، ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ބަހައްޓައި ފެން އަންނަނި އުފައްދަމުންނެވެ.
މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކޮ ގުޅާލުމަށްޓަކައި، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ހަމަ މިއާއެކު، މިސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، މާލޭ އެސްޓީއޯ ގެ ރެޑިމިކްސް ސަރަހައްދުގައި 13,000 ޓަނުގެ ދެ ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އޮޕަރޝަން ސެންޓަރުގައި 10,000 ޓަނުގެ އެއް ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ބޯފެން އެންމެހާ ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.