ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި 18ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް މަސީހް، ޒަމާންތަކަކަށް ފަހު ސިޔާސީ މަސައްކަތަށް އަލުން ނުކުމެވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމި، އަދި 18ވަނަ މަޖިލިސް ވެސް ނިމުމާއެކު ސިޔާސީ މަސައްކަތުން މުޅިންހެން ދުރުގައި ހުންނެވި މަސީހް މިފަހުން ދިރިއުޅުއްވަމުން ގެންދެވީ އޮސްޓްރޭލިއާގައި ކަމަށް މައުލޫމާތު ލިބެއެވެ.
ފުވައްމުލަކު ސިޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މަސީހް އަލުން އެ މަސައްކަތަށް ނުކުންނަވާފައި މިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށެވެ. އެގޮތުން މަސީހް މިއަދު ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާއެކު އުފަން ރަށަށް، ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މަސީހާއެކު މަތިންދާ ބޯޓުގައި އިންނެވި ފޮޓޯއެއް ޕޯސްޓު ކުރައްވާފައެވެ. އެ ޓްވީޓުގައި ޝުޖާއު ވަނީ ފުވައްމުލަކުގެ ރައްޔިތުން ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ.
"މިކަން [ރިޔާސީ އިންތިހާބު] ނިންމަން ވާނީ ފުރަތަމަ ބުރުން .ފުވައްމުލަކަކީ ޕީޕީއެމްގެ ވަރުގަދަ ކިއްލާއެއް،" މަސީހާއެކު އިންނެވި ފޮޓޯއާއެކު ކުރެއްވި ޓްވީޓުގައި ޝުޖާއު ވިދާޅުވިއެވެ.
މަސީހަކީ ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުމަށް މަޖިލިސް ތެރެއިން ކުރި މަސައްކަތްތަކުގައި އެންމެ މުހިއްމު ރޯލެއް އަދާ ކުރެއްވި ބޭފުޅާއެވެ. ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން، މަޖިލިސް ހުއްޓުވާފައި ބޭއްވުމުގައި 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނެ، މެމްބަރުން މަޖިލީހަށް ވަދެނުދީ ހިފެހެއްޓީ ވެސް މަސީހުގެ އަމުރަށެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ޕާޓީން ނެރޭ ކެންޑިޑޭޓަކަށް މަސީހް ހަމަޖެއްސުމަށް މަސައްކަތް ކުރި ކަމުގެ އަޑުތަކެއް ވެސް ފެތުރިގެން ދިޔައެވެ.
އަދި މަސީހު ރާއްޖެ ވަޑައިގަންނަވަނީ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ކަމަށްވެސް އޭރު އަޑުތައް ފެތުރިގެން ދިޔައެވެ. އެ ދުވަސްވަރަކީ ޕީޕީއެމް/ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ހޫނު ބަހުސްތައް ކުރެވިގެން ދިޔަ ދުވަސްރަކެވެ.