ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ކުރި މަސްތުވާތަކެތީގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ޕެސްޓުގެ މައްޗަށް އުފުލީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.

ޕެސްޓުގެ އިތުރުން ލ. ގަން، ތުނޑި، އަބަދަށްއުފާ މުހައްމަދު ސުއިއަދުގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ މާލޭގެ ގެއަކުން ފެނުނު މަސްތުވާތަކެއްޗާއި އަދި ޕެސްޓާއި ސުއައިދު ބޯޓަކަށް އެރުވި ކަމަށް ބުނާ ފަންކާއެއްގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ ގުޅުވޭނެ ހެއްކެއް ނެތް ކަމަށެވެ. އަދި އެތަންތަން ފާސްކުރަން ފުލުހުން އަމަލުކުރީ ރަނގަޅަށް ނޫން ކަމަށް ހުކުމުގައިވެ އެވެ.

ކުށް ކޮށްގެން ހޯދާފައިވާ ފައިސާގެ ގެންގުޅުމުގެ ދައުވާ އެ ދެ މީހުންގެ އިތުރުން ލ. ގަން، ތުނޑި ހަނދުވަރީހިޔާ އަހުމަދު ޝަމްއޫންގެ މައްޗަށް ކުރިއިރު އެރަށު ރޯޝަންހިޔާ އަހުމަދު ހުސާމްގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ވެސް ކުރި އެވެ.

ހުކުމުގައިވަނީ ބޭންކް ސްޓޭޓްމަންޓްތައް ހޯދުމުގައި ފުލުހުން އަމަލުކުރީ ވެސް އިޖްރައާތާ އެއްގޮތަށް ނޫން ކަމަށެވެ.

މި މައްސަލާގައި ޖުމްލަ އެއް ކިލޯއަށް ވުރެ ގިނަ ޑްރަގް ފެނުނެވެ. އޭޭގެ އިތުރުން ޕެސްޓާއި ސުއައިދު ބޯޓަކަށް އެރުވި ކަމަށް ބުނާ ފަންކާއެއްގެ ތެރޭގައި ރަބަރު ޕެކެޓަކަށް އެހެން ރަބަރު ޕެކެއްޓެއް ލައި ފޮރުވާފައި ހުރި 242 ގްރާމުގެ ކެނަބިސް ފެނިފައިވެ އެވެ.

ދައުވާތައް ސާބިތުވި ނަމަ އުމުރަށް ޖަލަށްލުމާ އެކު 100،000 އިން ފެށިގެން 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ހުކުމެއް އަންނާނެ އެވެ.