އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ދަ ޑިމޮކްރެޓުންނަށް އިންތިހާބުގައި ތިން ވަނަ ވެސް ލިބުމަކީ ނާދިރުކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށު ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމްޑީޕީ ތެރެއަށް އައި "ކުޑަ" ލޮޅުމުގެ އަސަރު އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނަށްވެސް ކޮށްފައި އެބަހުރި ކަމަށެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގޮތެއް ނިންމުމުގައި އަޅުގަނޑުމެންގެ ކުރީގެ ޕާޓީގައި ތިއްބެވި ބޭފުޅުން އަދި އެއް ފަހަރު ވިސްނާވަޑައިގެންތޯ" ރައީސް ސުވާލު ކުރެއްވިއެވެ.

ދެވަނަ ދައުރަކަށް ކުރިމަތިއްލާވަފައިވާ ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ވެރިކަމަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. އެއަށް ފަހު ރައީސް އިލްތިމާސް ކުރެއްވީ ސަރުކާރެއް އެކުލަވާލަން ގާނޫނީ ގޮތުން ލިބޭ އެންމެ ރަނގަޅު ފުރުސަތު ނަގައިނުލުމަށެވެ. ޒިންމާދާރު ކަމާއިއެކު ވޯޓު ދިނުމަށް އިލްތިމާސް ކުރެއްވިއެވެ.

ވޯޓު ބާކީ ނުކުރައްވަން ނަސޭހަތްތެރިވަމުން ރައީސް ވިދާޅުވީ އިންތިހާބުގެ ނަތިއްޖާ އެމަނިކުފާނަށް ވަރަށް ސާފު ކަމަށެވެ. އެއަށް ފަހު އެމްޑީޕީން ވަކިވި މެމްބަރުންތަކެއް އުފެއްދި ޑިމްކޮރެޓްސް އަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެ ޕާޓީއަށް އެމްޑީޕީއާ ވާދަކޮށްލެވޭނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ނިކުމެގެން އެ ވާދަކުރައްވާ ބޭފުޅުންނާ ދޭތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި މީހުންގެ ވިސްނުން ހުރި ގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. 1، 2 3 މިހިސާބަށްވެސް ކިޔާނެ ކަމެއް ނެތް. މިއިން ހިސާބަކަށްވެސް އަޅުގަނޑު ހިތެއް ނުބުނޭ އަދިއެއް އެބޭފުޅުންނަށް މިފަހަރަކު ވާދަކޮށްލަން. މިއީ އޭ ޑިވިޝަންގެ މެޗެއް. އިނގިރޭސިވިލާތުގެ ޕްރިމިއާ ލީގް މި ކުޅެނީ، ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ. ފުލްޓީމް ކުޅެން އަރަންވާނީ" ބަހުގެ ހަމަލާތައް ދެއްވަމުން ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ތަކުރާރު ކުރެއްވީ އެއް ބުރުން އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ކަމުގެ ވާހަކައެވެ.