އެމީހަކު ކިޔަން ބޭނުން ކޮންމެ އެއްޗެއް ވެސް ކިޔަންވީ ކަމަށާއި ޖެހިލުންވެ ބިރު ގަންނާނެ މީހަކު ނުހުންނާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމަށް ތާއީދު ހޯދުމަށް ކުރަމުން އަންނަ ރިޔާސީ ކެމްޕެއިނުގައި ރޭ ނ. މަނަދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވަނީ ވަރަށް ޖަޒުބާތާއެކު އެމަނިކުފާނު މީގެކުރިން ދައްކަވާފައި ނުވާ އެތައް ވާހަކަތަކެއް ވިދާޅުވެފައެވެ.

ރައީސް ވަހީދު ވިދާޅުވީ ބައެއް ފަރާތްތަކުން އެމަނިކުފާނާއި ދިމާލަށް "ކާޅަށް" ގޮވާ ކަމަށާއި އަނެއް ބަޔަކު އެމަނިކުފާނާއި ދިމާލަށް "ބާޒަށް" ގޮވާ ކަމަށެވެ. އެހެން ވިދާޅުވާ ފަރާތްތަކަށް އިޝާރާތް ކުރައްވާ ވަހީދު ވިދާޅުވީ އެބޭފުޅުން ބޭނުން އެއްޗެއް ކިޔަންވީ ކަމަށެވެ.

"އަޅުގަނޑު ބިރެއްވެސް ނުގަނެވޭ އެއްވެސް ވާހަކައެއް ދައްކާކަށް އަޅުގަނޑު ލަދެއްވެސް ނުގަނޭ އެއްވެސް ވާހަކައެއް ދައްކާކަށް. އަޅުގަނޑަށް ލިބުނީ ފަސް ޕަސެންޓޭ އަޅުގަނޑަކީ ކާޅެކޭ އަޅުގަނޑަކީ ކަޅު މީހެކޭ އަޅުގަނޑަކީ ބާޒެކޭ. ވިދާޅުވާނެ އެއްޗެއް ވިދާޅުވާންވީ. އަޅުގަނޑު ޖެހިލުމެއް ނުވޭ. އެއީ އަޅުގަނޑަކީ މީހަކު ރުއްސަންވެގެން އުޅޭ މީހެއް ނޫން ކޮންމެހެން،" ވަހީދު ވިދާޅުވިއެވެ.

ރައިސް ވަހީދުގެ ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި ހުންނެވި މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ރާއްޖޭގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ސިނަމާލެ ބްރިޖަކީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ނިކުތް ނަތީޖާއެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ބައްދަލުވުމުގައި ހުޅުމާލެ އާއި މާލެ އާއި ދެމެދު ބްރިޖެއް އެޅުމަށް ޗައިނާ އިން އެއްބަސްވި ކަމަށާއި އެގައުމުގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާގައި އެކަން އޮންނާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

އެކަމުގެ ހެއްކެއްގެ ގޮތުގައި ވަހީދު ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ދެ ވަޒީރެއްގެ ނަންފުޅު ވިދާޅުވެފައެވެ. އެއީ ކުރީގެ ނާއިބު ރައީސް އަދި ރައީސް ވަހީދު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އެމަނިކުފާނު ސަރުކާރުގެ ހެލްތު މިނިސްޓަރު ޝަކީލާއެވެ. އެ ދެ ބޭފުޅުން އެކަން ދެނެވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ލ. އަތޮޅު ލިންކް ރޯޑަކީ ވެސް އެމަނިކުފާނު ހަމަޖެއްސެވި ކަމެއް ކަމަށް ރައީސް ވަހީދު ރޭ ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު ބައެއް ފަރާތްތަކަށް އެމަނިކުފާނަކީ ރާއްޖެ އަށް އެއްވެސް ހިދުމަތެއް ކޮށްދެއްވި ބޭފުޅަކަށް ނުވި ކަމަށް ވަހީދު ވިދާޅުވިއެވެ.

"ލ. އަތޮޅުގެ މަގު، ރާއްޖޭގައި އޮތް އެންމެ ދިގު މަގު. 23 ކިލޯ މީޓަރު. އަޅުގަނޑު އޭތި ހަމަޖެއްސީ. މިހެން ގޮސް ކިތަންމެ ވާހަކައެއް އެބަހުރި. އެކަމަކު އަޅުގަނޑު މިއީ މި ގައުމަށް އެއްވެސް ހިދުމަތެއް ނުކުރާ ކާޅަކަށްވެފައި ބާޒަކަށްވެފައި ހުރީމާ އަޅުގަނޑު ދައްކާ ވާހަކަ ބައެއް ފަރާތްތަކުން ގަބޫލު ނުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް،" ރައީސް ވަހީދު ވިދާޅުވިއެވެ.

ދެހާސް އަށްވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުމެވަޑައިގެން އެފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ އެމަނިކުފާނުގެ ނާއިބެއްގެ ގޮތުގައި ހުންނަވަނިކޮށް ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ގައުމު ވަރަށް ބޮޑަށް ހަލަބޮލިވެފައި ވަނިކޮށް ކަމަށް ވަހީދު ވިދާޅުވިއެވެ.

ވެރިކަމާއި ހަވާލުވީ ގައުމުގައި އަމާންކަން ގާއިމްކޮށް ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެހާ ހިސާބުން އެމަނިކުފާނަކީ "ބާޢީ" އަކަށްވެއްޖެ ކަމަަށާއި މުޅި ގައުމުގައި އެމަނިކުފާނު "ގަން" ހިންގެވި ކަމަށް ވަހީދު ސިފަ ކުރެއްވިއެވެ.